ތަރައްްޤީ

ބީ.އެމް.އެލުން އަޅާ 16 ބުރީގެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަނީ


ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން އެޅުމަށް ހަމަޖެހިފައިވާ 16 ބުރީގެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. 

ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތްކުރާ މި ޓަވަރު އެޅުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބާވީސް ހާސް ނުވަ ސަތޭކަ އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާކަމަށް ބީ.އެމް.އެލުން ބުނެއެވެ. 16 ބުރިއަށް އިމާރާތްކުރާ މި ޓަވަރުގައި 72 ސްޓޫޑިއޯ އެޕާޓްމަންޓް ހިމެނޭނެއެވެ. އަދި 2 ކޮޓަރީއާއި 1 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭހެން 132 އެޕާޓްމަންޓް ހުންނާނެކަމަށްވެސް ބީ.އެމް.އެލުން ބުނެއެވެ. އަދި އިމާރާތުގެ ތިރީބައިގައި ވިޔަފާރީގެ ބޭނުންތަކަށާއި ޕާކް ކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ކަނޑައަޅާފައިވާކަމަށް އެ ބޭންކުން ބުނެއެވެ. 

މި ޓަވަރު އަޅައިދޭނެ ފަރާތެއް ކަނޑައެޅުމުގައި ދެ ފަރާތުން އެއްބަސްވާ އަގެއްގައި ދީފައިވާ ޓައިމްލައިނާއި އެއްގޮތަށް މަސައްކަތް ފުރިހަމަކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތަކަށް އިސްކަންދޭނެކަމަށް ބީ.އެމް.އެލުން ބުނެއެވެ. އަދި މި މަޝްރޫޢު އެވޯޑްކުރުމުގައި އެކުންފުންޏެއްގެ ވަސީލަތްތައް ހުރި މިންވަރާއި، ޓެކްނިކަލް އެކްސްޕަޓީޒް ހުރި މިންވަރާއި، އެކުންފުންޏެއްގެ މާލީ ޙަލަތަށް ރިޢާޔަތްކުރާނެކަމަށްވެސް އެ ބޭންކުން ބުނެއެވެ. 

"ހިޔާ" މަޝްރޫޢުގެ ދަށުން ބީ.އެމް.އެލުން އެޅުމަށް ހަމަޖެހިފައިވާ 16 ބުރީގެ ޓަވަރު އަޅައިދޭން ޝަޢުގުވެރިވާ ފަރާތްތަކަށް އިންވިޓޭޝަން ފޯރ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީ.އޯ.އައި ހުށައެޅުމުގެ ފުރުޞަތު އެ ބޭންކުން ހުޅުވާލާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.