ތަރައްްޤީ

ށ. ކަނޑިތީމާއި މ. ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާލައިފި


ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން 2 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމައިފިއެވެ. 

މި 2 މަޝްރޫޢަކީ ށ. ކަނޑިތީމުގެ ބަނދަރާއި، މ. ދިއްގަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢެވެ. 

މި 2 މަޝްރޫޢުގެ ތެރެއިން ށ. ކަނޑިތީމުގެ ބަނދަރު ހެދުމުގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ށ.ކަނޑިތީމުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު 710 ފޫޓަށް ދިގުކޮށް، 300 ފޫޓަށް ވަނީ ފުޅާކޮށްފައެވެ. އަދި ކަނޑިތީމުގައި ބޮޑުހިލައިގެ ކަނޑުތޮއްޓަކާއި، ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރާ އިންވެގެން ދުވާރެއްވެސް ހަދާފައިވާއިރު، ބަނދަރު ސަރަޙައްދު ދިއްލުމަށް ބޭނުންވާ މަގުބައްތިތައްވެސް ވަނީ ހަރުކޮށްފައިވެއެވެ.

މ. ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ދިއްގަރުގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރު 750 ފޫޓަށް ދިގުކޮށް، 260 ފޫޓަށް ވަނީ ފުޅާކޮށްފައެވެ. އަދި ބަނދަރުގެ ބޭރު ތޮށީގައި 452 މީޓަރަށް ބޮޑު ހިލަ ޖަހައި، 23 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއްވެސް ވަނީ ޖަހާފައެވެ. 

ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިއްގަރު ބަނދަރު ހެދުމުގެ މަޝްރޫޢު ސަރުކާރުން ފުރިހަމަކޮށްފައިވަނީ އެރަށް ނިސްބަތްވާ ދާއިރާގެ މެންބަރު ހުންނެވީ ސަރުކާރާ އެއްކޮޅަށްތޯ ނުވަތަ އެއްކޮޅަށް ނޫންތޯ ބެއްލެވުމެއް ނެތިކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ރައްޔިތުންގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޙިދުމަތްކުރައްވާކަމުގެ ލާމަސީލު މިސާލެއްކަމަށެވެ.

ށ. ކަނޑިތިމާއި، މ. ދިއްގަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ސަރުކާރުން ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެންނެވެ.