ޚަބަރު

ދަނޑުވެރިކަމުގެ ޚާއްޞަ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ރާއްޖެއަށް އެތެރެކުރާ ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދާ އެ ބާވަތްތައް އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް ހިންގާ ޚާއްސަ ލޯން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައި ދިނުން" ސިޔާސަތުގެ ދަށުން ދޫކުރާ ހަ މިލިއަން ރުފިޔާގެ މި ލޯން ޕްރޮގްރާމުގެ ދަށުން 12 ލޯން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގައި ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކޮށް، ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓްކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދާ އެ ބާވަތްތައް އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް ޚާއްސަ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މިދިޔަ އަހަރު ވަނީ ފަށާފައެވެ. މިއީ ސަރުކާރުން ކަނޑައަޅާފައިވާ "ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައި ދިނުން" ސިޔާސަތުގެ ދަށުން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި އިތުރުކޮށް އިމްޕޯޓުކުރާ މިންވަރު މަދުކުރުމަށް ކަނޑައަޅާފައިވާ 5 ބާވަތްތަކަކީ ބަރަބޯ، ކަރާ، ކިޔުކަންބާ، ފަޅޯ އަދި ފަތްކޭލެވެ.

ހަ މިލިއަން ރުފިޔާގެ މި ލޯން ޕްރޮގްރާމުގެ ދަށުން މި 5 ބާވަތް ހެއްދުމަށް 12 ލޯނު ދުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ލޯނު ޕްރޮގްރާމްގެ ދަށުން އެންމެ ގިނަވެގެން ލޯނު ދޫކުރެވޭނީ 6 ފަރާތަކަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ ލިބިފައިވާ ޕޮއިންޓްގެ ތަރުތީބުން އެ ފަރާތްތަކުން އިސްކަންދީފައިވާ 2 ލޯނަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ބުނެއެވެ.

ދިގުމުއްދަތަކަށް ފަޅުރަށްތައް ނަގައިގެން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން، އާ މަޝްރޫޢުއެއްގެ ގޮތުގައި މި 5 ބާވަތް ހެއްދުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް މި ލޯން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

މި ލޯން ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ފަޅުރަށެއް ކުއްޔަށް ނަގާފައިވާ ފަރާތެއް ކަމުގައިވުން، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތައް ކަމުގައިވާ މުވައްޒަފުންގެ އެކޮމަޑޭޝަނާއި، ކަރަންޓު، އަދި އިންސާނީ ވަސީލަތްތައް އެރަށެއްގައި ޤާއިމްކޮށް ނިމިފައިވުން، ލޯނު ނަގައިގެން ހައްދަން ބޭނުންވާ ބާވަތެއް ހެއްދުމަށް ބޭނުންވާ މިންވަރަށް ބިން ލިބުން ފަދަ ކަންކަން ހިމެނެއެވެ. މި ޕްރޮގްރާމުގެ ދަށުން ލޯނުދޭނެ ފަރާތެއް ކަނޑައެޅުމަށް ޕޮއިންޓް ދިނުމުގައި ދަނޑުބިން ލިބޭ ނިސްބަތާއި، ވަސީލަތްތައް ހުރި މިންވަރާއި، ދިވެހިން ގެންގުޅޭ ނިސްބަތަށްވެސް ބަލާނެއެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި، ތިމާވެއްޓަށް ފައިދާކުރަނިވި ގޮތަކަށް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ދަނޑުވެރިކަންކުރާ ނިސްބަތަށް ބަލާނެކަމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ބުނެއެވެ.