ކުޅިވަރު

ޓީސީއަކީ ބޮޑު އާއިލާއެއް، މޮޅުވާން އެންމެން ތައްޔާރު - ފައްރާހު


ޓީސީއަކީ ބޮޑު އާއިލާއެއްކަމަށާއި، މުޅި އާއިލާ އޮތީ މިރޭގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެ ޓީސީ ޕްލޭއޮފަށް ކޮލިފައިކޮށްދިނުމުގެ އުއްމީދުގައިކަމަށް އެޓީމްގެ ކެޕްޓަން އަޙުމަދު ފައްރާޙް ބުނެފިއެވެ. 

އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި މިރޭ ޓީސީއާއި ސައިފް ސްޕޯޓިންގް ކުލަބު ވާދަކުރާ މެޗުގެ ކުރިން ވާހަކަދައްކަމުން ކެޕްޓަން ފައްރާހު ބުނީ ބަންގްލަދޭޝްގައި ސައިފު ބަލިކޮށްލެވުމަކީ އެޑްވާންޓޭޖެއްކަމަށްވިޔަސް މި މެޗު އެއްވެސް ވަރަކަށް ފަސޭހަ ނުކުރާނެކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި، މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޓީސީން ކުރާނެކަމަށް. އަދި ވީހާވެސް ގިނަ ބަޔަކު ޓީސީއަށް ސަޕޯޓުކުރުމަށް ދަނޑަށްވަނުމަށް އެދޭކަމަށް ފައްރާހް ބުންޏެވެ.

"ޓީސީއަކީ އަބަދުވެސް ބޮޑު އާއިލާއެއް. އެންމެންވެސް ވަރަށް ރެޑީގައި މި ތިބީ. ޓީސީ ނުކުންނާނީ މިރޭގެ މެޗު ކާމިޔާބުކުރަން."

އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގެ ޕްލޭއޮފް ދެވަނަ ލެގުގައި މިރޭ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާއި، ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގ ކުލަބު ވާދަކުރާ މެޗު ފެށާނީ ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރެވެ. 

މި މެޗު ޕީއެސްއެމްގެ ޓީވީއެމާއި، ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވާނެއެވެ.