ކުޅިވަރު

ޝާފީއާއެކު ވިކްޓްރީއަށް ބައެއް ކުޅުންތެރިން ސޮއިކޮށްފި


ޝާފިއު އަހުމަދު (ޝާފީ) އާއި، ކީޕަރު މުޙައްމަދު އިމްރާނާއެކު ވިކްޓްރީއަށް ބައެއް ކުޅުންތެރިން ސޮއިކޮށްފިއެވެ.

އާސީޒަނަށް ތައްޔާރުވުމުގައި އެންމެ ފަހަތުގައި އޮތް ވިކްޓްރީން ކުޅުންތެރިން ލައްވާ ސޮއި މިކުރީ ބައެއް ކްލަބްތަކުން ޕްރެކްޓިސްވެސް ފަށާފައިވަނިކޮށެވެ. ޤައުމީ ޓީމްގެ ޑިފެންޑަރ ޝާފީގެ އިތުރުން މިރޭ ވިކްޓްރީއަށް ސޮއިކުރި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މާޒިޔާއިން ފާހަގަވުމަށްފަހު މިދިޔަ ސީޒަންގައި ގްރީންސްޓްރީޓްސްއަށް ކުޅުނު ފޯވާޑް އަހުމަދު ރަޝީދާއި، ކުރިން ވެލެންސިޔާއަށް ކުޅުމަށްފަހު މިދިޔަ ސީޒަންގައި މާޅޮސް ޓީމްގައި މޮޅަށް ކުޅުނު ބިދޭށީ ފޯވާޑް އެންޖެލް ހިމެނެއެވެ. މީގެއިތުރުން މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ޒުވާން ފޯވާޑް ޝާދިންއާއި، އާދަމް އިޝާމްއާއި، ޓީސީއަށް ކުޅުނު އަލީ ނާފިއުއާއި، ފުހެއިދުވެސް ވަނީ ވިކްޓްރީއަށް ސޮއިކޮށްފައެވެ. 

ޑިފެންޑަރ ޝާފީ މިދިޔަ ސީޒަން ފެށީ ކްލަބް ވެލެންސިޔާއިންނެވެ. ނަމަވެސް ދިވެހި ޕްރިމިއަރ ލީގުން ވެލެންސިޔާއަށް ޖާގަ ނުލިބުމުން ދިވެހި ލީގުގައި ކުޅުނީ ކްލަބް ގްރީން ސްޓްރީޓްސްއަށެވެ. ކީޕަރު އިމްރާން މިދިޔަ ސީޒަން ވިކްޓްރީން ފެށި ނަމަވެސް ފަހުން އޭނާ ކުޅުނީ މިނިވަން ޗެމްޕިއަންޝިޕުން އައި މިލަންދޫ ޓީމަށެވެ.

މި ކުޅުންތެރިން ވިކްޓްރީއަށް ސޮއިކުރިއިރު، ކޯޗަކަށް ހަމަޖައްސާފައިވަނީ ލާސްލޯ ކިސްއެވެ. ވެލެންސިޔާގެ އިތުރުން ވީބީއަށްވެސް ކާމިޔާބު ހޯދައިދީފައިވާ ކިސް ވިކްޓްރީއާ ހަވާލުވާން މާދަމާ މާލެ އަންނާނެކަމަށް މައުލޫމާތުލިބެއެވެ.