ދުނިޔެ

އަދަންގައި ކުރާ ހަނގުރާމައިގެ ޝިކާރައަކަށް ކުޑަކުދިން


ޔަމަންގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ އަދަންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނުރައްކާތަކާމެދު، އދގެ ކުޑަކުދިންގެ ޖަމުޢިއްޔާ ޔުނިސެފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔަމަންގައި ހުންނަ ޔުނިސެފްގެ އޮފީހުން ބުނީ، ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރް ހާދީއަށް ވަފާތެރި ސިފައިންނާއި، އޭނާއާ ދެކޮޅު ލީޑަރެއްކަމަށްވާ އީދުރޫސް އައް ޒުބައިދީގެ ހަނގުރާމާވެރިންނާ ދެމެދު އަދަންގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ޒަޚަމްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އެހެން ނަމަވެސް ހަނގުރާމަ ކުރަމުންދާތީ، އެ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާކަމަށް ޔުނިސެފްގެ މަންދޫބު ވިދާޅުވިއެވެ.

އީދުރޫސް އައް ޒުބައިދީ އަކީ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަމުގެ ދިފާއުގައި ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ޔަމަނަށް ވަދެގެންފައިވާ ޢަރަބި ކޯލިޝަންގައި ހިމެނޭ ޔޫއޭއީގެ ތާއީދު ލިބިފައިވާ ލީޑަރެކެވެ.

އައް ޒުބައިދީ މަސައްކަތްކުރައްވަމުން ގެންދަވަނީ ސަދަން ޓްރާންސިޝަނަލް ކައުންސިލްގެ ނަމުގައި އަދަންގައި ވަކިވެރިކަމެއް ޤާއިމުކުރުމަށްކަމަށް ރައީސް ހާދީގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.

ޒުބައިދީގެ ބާރުތަކާއި ރައީސް ހާދީއަށް ވަފާތެރި ސިފައިންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި، އާދީއްތަ ދުވަހު، ދިހަ މީހުން ވަނީ މަރުވެފައެވެ.