ދުނިޔެ

ތިން ވަނަ ހަމަލާގެ ޒިންމާވެސް އައި.އެސް އިން އުފުލައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެ ޤައުމުގެ އަސްކަރީ އެކަޑަމީއަށް ހޯމަދުވަހު ދިން ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ. ކާބުލްގައި ހުންނަ އަސްކަރީ އެކަޑަމީއަށް ހަމަލާދިނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ކަމަށާއި، އެ ހަމަލާ ކާމިޔާބުކަމަށް، އައިއެސްގެ އަޢުމާޤް ނޫސް އެޖެންސީން ބުނެފައިވެއެވެ.

ކާބުލްގެ ހުޅަނގުގައި ހުންނަ އަފްޣާން އަސްކަރީ އެކަޑަމީއަކީ އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއަށް ނިސްބަތްވާ ތަނެކެވެ. ހޯމަ ދުވަހުގެ ހެދުނު އެ ތަނަށް ބަޑިން ދިން ޙަމަލާތަކުގައި އަފްޣާނިސްތާނުގެ ސިފައިންގެ ފަސްމީހުން މަރުވެ ދިހަ މީހުން ޒަޚަމްވެފައިވެއެވެ.

މި ހަމަލާތައް ދިނުމާއެކު ރައްދުގައި އަފްޣާނިސްތާނުގެ ސިފައިން ވެސް ހަމަލާ ދޭން ފެށިއެވެ. ސިފައިންގެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން ތިން މީހުން މަރުވެފައިވެއެވެ. ހަމަލާދިނުމުގައި ފަސް މީހުން ބައިވެރިވާކަމަށް އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާއިން ބުނާއިރު، އޭގެތެރެއިން އެކަކު ވަނީ އަފްޣާނިސްތާނުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.  އަނެއް މީހާއަށް ވީ ގޮތެއް ސާފުވެފައެއް ނުވެއެވެ.

ހަމަލާ ދިން މީހުންނާއި އަފްޣާނިސްތާނުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިންގާފައިވަނީ އަސްކަރީ އެކަޑަމީގެ ވަށައިގެންވާ ސަރަހައްދުތަކުގައެވެ. އައި.އެސް. ޖަމާއަތަކީ އަފްޣާނިސްތާނުގައި ފައިހަރުކޮށްލުމަށް މަސައްކަތްކުރާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެކެވެ. މިއީ ހައްދު ފަހަނަޅާފައި ތަކްފީރީ ވިސްނުމުގެ ޖަމާއަތެކެވެ. އައިއެސް އިން މަސައްކަތްކުރަމުން ގެންދަނީ ޠާލިބާނަށްވުރެ ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި އަފްޣާނިސްތާނުގައި ފާޅުވުމަށެވެ.

ކާބުލްގެ ހުޅަނގުގައި ހުންނަ އަފްޣާން އަސްކަރީ އެކަޑަމީއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު، މިދިޔަ ހަފުތާ ބަންދުގައި ޠާލިބާނުން ވަނީ ކާބުލްގައި އެމްބިއުލާންސެއް ގޮއްވާލައިގެން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއްދީ އަފްޣާން އާންމުންގެ ސަތޭކައަށްވުރެ ގިނަ މީހުން މަރާލައި، ސަތޭކަ އަށްޑިހަ މީހުން ޒަޚަމްކޮށްލާފައެވެ.

އޭގެ ކުރިން ކާބުލްގެ ހޮޓަލަކަށާއި ޖަލާލްއާބާދުގައި ހުންނަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ސޭވްދަ ޗިލްރަންގެ މަރުކަޒަށް އައިއެސްއިން ދިން ހަމަލާތަކެއްގައި ބާވީސް މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމުވެފައެވެ.