ޚަބަރު

އާ ސީ ޕްލޭން ޓަރމިނަލްގެ ޢަމަލީ މަސައްކަތް ފަށައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ އާ ސީޕްލޭން ޓަރމިނަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދާ އެންމެ ބޮޑަށް ގުޅިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާކަމަށެވެ. އެގޮތުން މި ގެނެވޭ ތަރައްޤީއާއެކު ފަސެންޖަރުންނަށްދެވޭ ޚިދުމަތަކީ ޤައުމުގެ ތަރައްޤީއަށް ކުރާ ބޮޑު އިންވެސްޓްމަންޓަކަށްވުރެ ކުޑަ ކަމެއް ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ރާވާފައިވަނީ ބްރިޖާއެކު އަންނަ ތަރައްޤީއަށްވެސް ބަލައިގެންކަމަށެވެ.

img:http://s1.psmnews.mv/images/660x400/15172547372199.jpg|އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު - ފޮޓޯ: ޕީއެސްއެމް

އެމްއޭސީއެލްގެ މެނޭޖިންގޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ 24ގަޑިއިރު ޚިދުމަތްދޭ އެއަރޕޯޓެއްގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަކީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭކަމެއްކަމަށެވެ. ނަމަވެސް އާ ސީޕްލޭންޓަރމިނަލްގެ މަސައްކަތް މިއަހަރުގެނިޔަލަށް ނިންމާނެކަމަށް އެ ކުންފުނިން ބުނެއެވެ. ޢާދިލް މޫސާ ވިދާޅުވީ އާ ސީ ޕްލޭން ޓަރމިނަލް ތަރައްޤީކުރަނީ ބޭނުންވެއްޖެ ޙާލަތެއްގައި ބޮޑުކޮށް ޚިދުމަތްފުޅާކުރެވޭގޮތަށްކަމަށެވެ.

img:http://s2.psmnews.mv/images/660x400/15172547104871.jpg|

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިޔަށް ގެންދާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން ސީ ޕްލޭން ޓަރމިނަލްގެ މަޝްރޫޢުއަކީ ވީއައިއޭގައި ފެށި ދެވަނަ މަޝްރޫޢެވެ. މި މަޝްރޫއަށް  40 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގެ ގެދަށުން އާ ޓަރނިމަނަލުގެ އިތުރުން މެއިންޓަނަންސަށާއި ރިޕެއަރ އަދި އޯވަހޯލް ފެސިލިޓީ ޤާއިމުކުރުމަށްވެސް ދަނީ ސަރަހައްދެއް ތަރައްޤީކުރަމުންނެވެ. އާ ޓަރމިނަލް ތަރައްޤީކުރަނީ 4 ފަންގިފިލާއަށެވެ.

އާ ޓާރމިނަލް ހެދުމަށް ހުޅުލޭ ފަޅުން 1.83 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ޓަރމިނަލް ހެދުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިން އާރބަން ކޮންސްޓަރަކްޝަން ގްރޫޕާއެވެ.