ކުޅިވަރު

ބަދަލު ކީޕަރު ޒުވާން، އެކަމަކު ކޯޗު ނިޒާމްގެ އިތުބާރު ބޮޑު!


ޓީސީގެ ބަދަލު ކީޕަރު އަރުވައިގެން އޭއެފްސީ ކަޕުގް ޕްރިލިމިނަރީ ބުރުގައި ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސްއާ ދެކޮޅަށް މާދަމާރޭ ކުޅެން ޖެހުނަސް އެކަމާ އެއްވެސް ފަރުވާލެއް ނެތް ކަމަށް ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.

އޭނާ މިހެން ބުނީ ޓީމު ވަރުގަދަ ކުރުމަށް މިސީޒަނަށް ގެނައި ބިލާރުސްގެ ގައުމީ ކީޕަރުގެ އަތުގައި ރެނދުލާފައިވާތީ މާދަމާރޭގެ މެޗުގައި ނުކުޅެވޭނެކަން ޔަޤީންވެފައިވަނިކޮށެވެ. ނިޒާމްބެ ބުނީ ބަދަލު ކީޕަރު ވަނީ ބަނގްލަދޭޝްގައި ކުޅުނު މެޗުގައި ފަހުހާފުގައި ކުޅެން ނުކުމެ މޮޅު ކުޅުމެއް ދައްކާފައި ކަމަށާއި، މިހެންވެ އޭނާ ހުރީ ޒުވާން ކީޕަރު ނަދީމާމެދު ވަރަށް ބޮޑު ޔަޤީންކަމެއްގައި ކަމަށެވެ.

ބަނގްލަދޭޝްގައި ކުޅުނު މެޗު ޓީސީ ކާމިޔާބު ކުރީ 1-0 ނެވެ. މިހެންވެ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު ޓީސީގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ބޮޑު އިތުބާރެއް ލިބޭނެތީ ނިޒާމްބެ ވަނީ އެކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި މި އިތުބާރު ކުޅުންތެރިންނަށް ހޯދައިދިނުމަށް ދިވެހި އެންމެހާ ސަޕޯޓަރުން މި މެޗު ބަލަން ދަނޑަށް ދިއުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. 

ބިލާރުސްގެ ޤައުމީ ކީޕަރުގެ އިތުރުން މާދަމާރޭގެ މެޗުގައި ނުކުޅެވޭނެ ކުޅުންތެރިއަކީ މިޑްފީލްޑަރު އައްޒާމްއެވެ. މި ދެ މެޗުން ޓީސީ އަށް ކުރި ލިބިއްޖެނަމަ ޕްލޭއޯފްގައި ޓީސީ ވާދަކުރަން ޖެހޭނީ އިންޑިޔާގެ ބޫޓާންގެ ޓްރާންސްޕޯޓް އެފްސީ އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅެ މޮޅުވާ ޓީމާއެވެ.

 މާދަމާރޭ ޓީސީއާއި ބަނގްލަދޭޝްގެ ސައިފް ވާދަކުރާ މެޗު ޕީއެސްއެމްގެ ޓީވީއެމްއިންނާއި، ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.