ޑްރީސް މަރްތެންސްގެ ދެ ލަނޑާއެކު ބޮލޮންޏާ ބަލިކޮށް، އިޓަލީ ލީގު ތާވަލްގެ އެންމެ ކުރިއަށް އަނެއްކާވެސް ނަޕޮލީ ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް ޔުވެންޓަސް ލީގު ތާވަލްގެ އެއްވަނަ މަޤާމަށް ވަގުތީގޮތުން ޖެހިލާފައިވަނިކޮށް، ނަޕޮލީ އަލުން އެމަޤާމް ދިފާއުކުރީ ލީގުގައި ޖެހި ޖެހިގެން އެޓީމް ކާމިޔާބުކުރި ހަވަނަ މެޗާއެކުއެވެ.
މިމެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑް ނެގީ ބޮލޮންޏާއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިންޓަރމިލާންގެ ކުރީގެ ފޯވާޑް ރޮޑްރިގޯ ޕަލާސިއޯއެވެ.
މެޗުގައި ނަތީޖާ ހަމަ ހަމަވީ ބޮލޮންޏާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑަކާއެކުއެވެ. އަދި ފުރަތަމަ ފަހަރަށް ނަޕޮލީ ލީޑް ނެގީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީގައި ރީޕްލޭ ބެލުމަށްފަހު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ނަޕޮލީގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ބެލްޖިއަމް ފޯވާޑް ޑްރީސް މަރްތެންސްއެވެ. ޕެނަލްޓީވެސް ކާމިޔާބުކުރީ އޭނާއެވެ. ރޭގެ މެޗުގައި މަރްތެންސް ޖަހައިދިން ދެ ލަނޑާއެކު މިފަހަރުގެ ލީގުގައި އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ ބާރައަށް އަރާފައެވެ.