މެލޭޝިޔާއިން ރާއްޖެއަށް 500 ސްކޮލަރޝިޕް ހަދިޔާކޮށްފިއެވެ.
މެލޭޝިޔާއިން ހަދިޔާކުރި މި ސްކޮލަރޝިޕްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެދިލެއްވުމަކަށް ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން މެލޭޝިޔާއިން ހަދިޔާކޮށްފައިވާ ސްކޮލަރޝިޕްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މެލޭޝިޔާއިން މިއަދު ހަދިޔާކުރި ސްކޮލަރޝިޕްތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މެލޭޝިޔާ ގްލޯގަލް ސަރވިސްގެ ފަރާތުން ސްކޮލަރޝިޕްތައް ހަވާލުކުރެއްވީ އެޑިއުކޭޝަން މެލޭޝިޔާގެ ސީއޯއޯ ނޯވީ ތާޖުއްދީނެވެ. ރާއްޖޭގެ ފަރާތުން ސްކޮލަރޝިޕްގެ ލިޔުމާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމްއެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ މި ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިޔާގެ ފެންވަރު ރަގަޅު 17 ޔުނިވަރސިޓީއަކުން ކިޔެވުމަށް ފުުރުޞަތު ލިބޭނެ ކަމަށެވެ. މި ހުރިހާ ސްކޮލަރޝިޕްތަކަކީވެސް ޓިއުޝަން ފީގެ ފަންސާސް އިންސައްތަ ޑިސްކައުންޓް ލިބޭ ސްކޮލަރޝިޕްތަކެއް ކަމަށާއި، ބާކީ ފަންސާސް އިންސައްތަ ދިވެހި ސަރުކާރުން ލޯން އެހީގެ ގޮތުގައި ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ހިމެނެނީ 100 ޕޯސްޓްގްރެޖުއޭޓް އަދި 400 އަންޑަރ ގްރެޖުއޭޓް ސްކޮލަރޝިޕްގެ ފުރުޞަތު. މީގެ އިތުރުން ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ ކުރިއެރުމަށް ދެއްވާ ފުލް ފަންޑެޑް ޕޯސްޓްގްރެޖުއޭޓް 10 ސްކޮލަރޝިޕް ފުރުޞަތުވެސް ހިމެނޭ. ތައުލީމީ ދާއިރާގެ މެނިފެސްޓޯގައި މި އޮންނަ ގޮތަށް އޭލެވެލް އިން ތިން މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް އިރާދަކުރެއްވިއްޔާ މަތީ ތަޢުލީމުގެ ފުރުޞަތު ފަހިވެގެންދާނެ" މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.
މެލޭޝިޔާއިން ރާއްޖެއަށް ހަދިޔާކުރި 500 ސްކޮލަރޝިޕާ ގުޅޭގޮތުން ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަން ވިދާޅުވީ، މިއީ ރައީސް ޔާމީންގެ އެދިލެއްވުމުގެ މަތިން މެލޭޝިޔާ ސަރުކާރުން ހަމަޖައްސަވައިދެއްވި ފުރުޞަތުތަކެއް ކަމަށެވެ. އަދި މިއީ ދިވެހި ޒުވާނުންނަށް ރައީސް ޔާމީން ދެއްވި ހަދިޔާއެއްކަމަށް އެނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން އެންމެ ފަހުން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑު ވަޒީރާ ބައްދަލްކުރައްވާ، އެދިލެއްވީ ރާއްޖޭގައި އިންސާނީ ވަސީލާތްްތައް ތަރައްޤީކުރުމަށް އެހީތެރިވެވަޑައިގަތުމަށް. އެ އެދިލެއްވުމަށް މެލޭޝިޔާ ސަރުކާރުން އިޖާބަ ދެއްވާ އެ މަސައްކަތް ފެއްޓެވީ. ދެން މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައި ދެޤައުމުގެ ދެމެދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި މި ސްކޮލަރޝިޕްތައް ހިމެނޭނެ. އެޑިއުކޭޝަން މެލޭޝިޔާގެ ފަރާތުން ދިން ސްކޮލަރޝިޕްތަކަކީ ތަޢްލީމީ ދާއިރާއިން އެއްބާރުލުމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތުތަކެއް." ފަހުމީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މެލޭޝިޔާ ގްލޯގަލް ސަރވިސްގެ ސީއޯއޯ ނޯވީ ތާޖުއްދީން ވިދާޅުވީ މިލިބުނު ރަނުގެ ފުރުޞަތާއެކު އުންމީދަކީ ގިނަ އަދަދެއްގެ ކުދިންތަކެއް ސްކޮލަރޝިޕުގެ ބޭނުން ކުރުން ކަމަށެވެ.
"މި ސްކޮލަރޝިޕްތަކަކީ އަނެއްކާވެސް ދެ ޤައުމުގެ ގުޅުން ރަމްޒްކޮށްދޭ މިސާލެެއް. މެލޭޝިޔާގައި ކިޔެވުމަށް މިހާރުވެސް ދިވެހި ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދޭ. އުންމީދަކީ ވީހާވެސް ގިނަ ކުދިން މިފަހަރުވެސް ކޯސްތަކަަށް އެޕްލިކޭޝަން ހުށައެޅުން." ނޯވީ ތާޖުއްދީން ވިދާޅުވިއެވެ.
މެލޭޝިޔާއިން ހަދިޔާކުރި 500 ސްކޮލަރޝިޕަށް ހުށައެޅުމުގެ ފުރުޞަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުޞަތު ފަހިކޮށްދީ، އިލްމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް ސްކޮލަރޝިޕްތަކުގެ ފުރުޞަތު ފަހިކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ސިޔާސަތެއް. މީގެއިތުުރުން ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަށް، މިހާރުވެސް ވަނީ 2050 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ.
މޭލޭޝިޔާގައި ދިވެހި ދަރިވަރުންނަށް ލިބެން ހުރި ތަޢްލީމީ ފުރުސަތުތަކާއިބެހޭ މަޢުލޫމާތު ދިނުމަށް އެޑިއުކޭޝަން މެލޭޝިޔާގެ ފަރާތުން މިހާރުވެސް ދަނީ ދަރުބާރުގޭގައި އެކްސްޕޯއެއް ބާއްވަމުންނެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ދާ މި އެކްޕޯގައި މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ބައިވެރިވެއެވެ. އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސްއަކީ މެލޭޝިޔާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.