ތަރައްްޤީ

"ރާއްޖޭގެ އިޤްތިޞާދީ ބަދަލުތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިނަކީ ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް އިޤްތިޞާދީ އަމިއްލަ މިނިވަންކަމެއްގައި ޤައުމު ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވި ހަމައެކަނި ރައީސްކަމަށް އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސައީދު ވިދާޅުވެއްޖެއެވެ. 

އެސްޓީއޯއިން އަލަށް ގެނައި ތެޔޮ ޓޭންކަރުގެ ފުރަތަމަ ދަތުރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި  ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދު ވަނީ ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ރައީސް ޔާމިނު ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ނާރެހުން މިއަދު ފެންނަމުންދަނީ، އިޤްތިޞާދީ މިނިވަންކަމާއިއެކު ދިވެހި ޤައުމު ބިނާކުރަމުންދާ މަންޒަރުކަމަށެވެ.

ރައީސް އަބުދުﷲ ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެބޮޑު އިސްކަމެއް ދެއްވީ އިޤްތިޞާދީ ގޮތުންނާއި އުމްރާނީގޮތުން އަދި އިޖުތިމާއީގޮތުން ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުކުރެއްވުމަށެވެ. މިގޮތުން ޞިއްޙީދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރެއްވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތެއް ބިނާކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއާއި، ރާއްޖެއަށް ތެޔޮ ގެނައުމަށް 25000 ޓަނުގެ ތެޔޮ ޓޭންކަރެއް ގެނައުމުގެ އިތުރުން ބިން ހިއްކުމަށް އެމްޓީސީސީން ގެނައި މަހާ ޖައްރާފު މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުންދާ އިދިކޮޅު ފަރާތްތަކަށް ލިބޭ ފިލާވަޅުތަކެއް ކަމަށެވެ.

" ރައީސް ޔާމީނުގެ ސިޔާސަތަކަށް ވެފައި އޮތީ، ދިވެހިރާއްޖެއަކީ ފުދުންތެރި ބިނާކުރަނިވި އިޤްތިޞާދެއް އޮތް ޤައުމަކަށް ހެއްދެވުން. އެހެންވީމާ އެމަސައްކަތައް ލިބިގެންދާ ވަރަށްބޮޑެތި ކުރިއެރުންތައް އަޅުގަނޑުމެންނަށް ފެންނަމުން އަދި އިހްސާސްކުރެވެމުން މިދަނީ. ޤައުމެއް ތަރައްޤީވަމުން އަންނާނީ އިސްވެ ދެންނެވުނުފަދަ ވިސްނުން ހުރި އެތައް އެތައް މަސައްކަތްތަކެއް ކުރާނެ ވެރިޔަކު އަދި އެފަދަ ނިންމުންތައް ނިންމަވާނޭ ވެރިޔަކު ހުރެގެން" އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އިބްރާހިމް ނާސިރު ވެރިކަމުން ވަޑައިގެންނެވިއިރު 500 ޓަނުގެ މުދާ އުފުލާ ބޮޑު ކުންފުންޏެއް މޯލްޑިވްސް ނެޝަނަލް ޝިޕިންގލައިން ނަމުގައި ދައުލަތުގައި އޮތްކަމަށެވެ. އެ ކުންފުނީގެ ބޯޓުތައް އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕްގެ އިތުރުން އޭޝިއާގެ އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންދިޔަކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޤައުމީ އެފަދަ ކުންފުނިތައް މިއަދު ފެންނަންވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

"އޭގެ ވިއްސަކަށް އަހަރުފަހުން ޤައުމީ ޝިޕިންގ ކުންފުނި އުވިގެންދިޔައީ ބޯޓުތައް ވިއްކާލީ. އައިލެންޑް އޭވިއޭޝަން ވިއްކާލުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރެއްވި. އެއަރޕޯޓް ޖީއެމްއާރަށް ވިއްކާލި. ފެންކުންފުނި ވިއްކާލި. ދިރާގު ވިއްކާލި. މިހެންގޮސް ދައުލަތުގެ ހަރުމުދާތައް ވިއްކުން ނޫންކަމެއް އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ވިސްނުމަށްވެސް ނާދޭ. ކުރަން ނުވެސް އިނގުނު. ނަމަވެސް ރައްޔިތުން ފުރުސަތު ދިން ކުރީގެ ވެރިކަންކުރެއްވި ބޭފުޅުންނަށް" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށްޖެހުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިދިކޮޅު ފަރާތްތަކަށް ބަލައި ނުގަނެވޭކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓްތައް ހެދުމާއި، ރާއްޖެއަކީ ފުދުންތެރި ބޭރުގެ ފަރާތްތަކަށް ސަލާންޖަހަންދާން ނުޖެހޭވަރުގެ އިޤްތިޞާދަކަށް ހެދުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނޭ ކަމެއްކަމަށެވެ. އަދުގެ ސަރުކާރުގެ އަމާޒުހުރީ މިކަންކަން ހާސިލްކުރަން ކަމަށާއި، ސަރުކާރުން އެކަންކަން ކުރާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.