ޚަބަރު

ދެކުނުގެ ކުނިމެނޭޖުކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދީފި


އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގައި ޤާއިމްކުރާ ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް އަބޫދާބީ ފަންޑުން ދީފިއެވެ. 

އަބޫދާބީ ފަންޑުން ދީފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީ ބޭނުންކުރާނީ ކުނި ނައްތާލާ އިންސެނެރޭޓަރ ހޯދުމާއި، އިންސެނެރޭޓަރު ރާއްޖެ ގެނެސް އައްޑޫސިޓީ ހިތަދޫގައި، އިންސްޓޯލް ކުުރުމަށްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް މިހާރު އޮތީ ބިޑަށް ލާފައެވެ. 

ދެކުނުގައި ޤާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ. މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ގއ. އާއި ގދ.އާއި ފުވައްމުލަކާއި އައްޑޫސިޓީގައި އުފެދޭ ކުނި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކޮށް ތިމާވެއްޓާ ރަޙްމަތްތެރި ގޮތުގައި ނައްތާލެވޭ ގޮތަށެވެ. މި މަޝްރޫޢަށް ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރާއި، އަބޫދާބީ ފަންޑްގެ ލޯނު އެހީގައެވެ. 

އެންވަޔަރަންމަންޓް މިނިސްޓްރީންބުނީ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިންމައި ކުނި ނައްތާލާ މެޝިން ނުވަތަ އިންސެނެރޭޓަރ ހޯދުމަށް މިހާރު ބިޑަށް ހުޅުވާލައިފައިވާ ކަމަށެވެ. މި އިންސެނެރޭޓަރަކީ ދުވާލަކު 40 ޓަނުގެ ކުނި އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މެޝިނެކެވެ. މިއާއެކު މެޝިނުން އުފައްދާ ހޫނު ބޭނުންކޮށްގެން 1.5 މެގަވޯޓް ކަރަންޓް އުފައްދާ ނިޒާމެއްވެސް ޤާއިމްކުރެވޭނެއެވެ. ބިޑް މަރުހަލާ ނިންމައި ކުރިއަށް އޮތް ތިން މަސްދުވަހުގެތެރޭ އެމަސައްކަތް ބަޔަކާ ހަވާލުކުރާއިރު، ހަމަ މިއަހަރުގެ ތެރޭގައި އިންސެނެރޭޓަރ އިންސްޓޯލްކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓަރގެ ނައިބު އަލީ އާމިރު ވިދާޅުވިއެވެ.

އިންސެނޭޓަރު ރާއްޖެ ގެނައުމުގެ ކުރިން މިހާރު އެންމެ އިސްކަމެއް ދީފައިވަނީ ދެކުނުގެ ހުރިހާ ރަށެއްގައި ރަށު ފެންވަރުގައި ކުނި ނައްތާލާ ނިޒާމްތައް ޤާއިމްކޮށް ކުނިގޮނޑުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށް އާމިރު ފާހަގަކުރެއްވިއެވެ. 

" ހުވަދު އަތޮޅުގެ ދެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ކުނި ކޮށި އަޅާ، އެތަންތަން އަޕަގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ނިމިފައި. ނަމަވެސް ތިނަދޫ، ވިލިގިލި ފަދަ ބޮޑެތި ރަށްތަކަށް އަދިވެސް އިތުރު މެޝިނަރީ ފޯރުކޮށްދެމުން މިދަނީ. ފުވައްމުލަކަށް ބަލާއިރު އެރަށުގައި މިހާރު އެހުރީ ކުނިގޮނޑު އަޕްގްރޭޑް ކޮށް ނިމިފަ. އަަދި ވެމްކޯއިން ފުވައްމުލައް ބަލަހައްޓަމުންދާނީ. އިންސިނޭޓަރު އަންނަން ވާއިރަށް ހުރިހާ ރަށެއްގައިވެސް ރަށު ފެންވަރުގައި ކުނި ނައްތާލާ ނިޒާމްތައް ހުންނާނީ ޤާއިމްކުރެވިފަ." އަލީ އާމިރު

އާމިރު ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ދެކުނުގައި ކުނި އުފުލުމަށް ބޭނުންކުރާ ދެ ކޮޅުވެއްޓި ރާއްޖެ ގެނެވޭނެ ކަމަށެވެ. މި ކޮޅުވެއްޓިތައް އިންޑިޔާ ބަނދެ ނިމިފައިވާއިރު، މިކަމަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅުގެ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމް އޮޕަރޭޝަނަށް ގެނައުމެވެ. މި ނިޒާމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި، ރީސައިކްލިން މެޝިންތައް ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެއެވެ. 

ސަރުކާރުން މިހާތަނަށް ވަނީ ނ، ރ ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދުގައި މިފަދަ ނިޒާމެއް ޤާއިމްކޮށްފައެވެ.