ދުނިޔެ

ލީބިޔާގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި


ލީބިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ބަދަލުކުރާ ޙަމަލާތަކާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ޤަތުލުޢާއްމުތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަމަށް އދން ބުނެފިއެވެ.

އދގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި ލީބިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ބިރުވެރި ޤަތުލުޢާއްމުތައް ހިންގަމުންދާތީ އެކަމާ ދެރަވެ ކަންބޮޑުވާ ކަމަށެވެ.

ލީބިޔާގައި ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބެންޣާޒީގެ ލީސީ އަވަށުން ވަނީ އަނިޔާކޮށް މަރާލާފައިވާ އެތައް ބައެއްގެ ހަށިތައް މިދިޔަ ހަފުތާ ތެރޭގައި ފެނިފައެވެ.

ބެންޣާޒީގެ އިރުން ދުއިސައްތަ ފަންސާސް ކިލޯމީޓަރު ދުރުގައިވާ ދަރްނާ ސިޓީންވެސްވަނީ މިގޮތަށް މަރާލާފައިވާ ބައެއްގެ ހަށިތައް ފެނިފައެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގައި ބެންޣާޒީގައި ދިން ކާރުބޮމުގެ ޙަމަލާއެއްގައި ތިރީސް ފަސްމީހުން ވަނީ މަރުވެފައެވެ.