ދުނިޔެ

އަފްޣާނިސްތާނުގައި ދިން ހަމަލާ އދން ކުށްވެރިކުރުން


ހޮނިހިރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ބޮމުގެ ހަމަލާ، އދ އާއި ދުނިޔޭގެ އެކި ޤައުމުތަކުން، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކާބުލްގައި، އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފީސްތަކާއި ބޭރުގެ އެމްބަސީތައް ހުންނަ ސަރަހައްދުގައި ހުރި ސަލާމަތީ ބާރުތަކުގެ ޗެކްޕޮއިޓެއްގެ ކައިރީގައި ދިން އެ ހަމަލާގައި 95 މީހުން މަރުވެފައިވެއެވެ. އަދި 163 މީހުން ވަނީ ޒަޚަމުވެފައެވެ. މިއީ މިއަހަރުގެ ޖެނުއަރީމަހު އަފްޣާނިސްތާނުގައި ދިން މިފަދަ ނުރައްކާތެރި ފަސްވަނަ ހަމަލާއެވެ.

އެ ހަމަލާ ކުށްވެރިކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޢާއްމުންގެ ފުރާނައަށް ގެއްލުންވާނެހެން ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ހަމަލާތަކެއް ކަމަށާއި، މިފަދަ ހަމަލާތަކުގެ ފަހަތުގައިވާ ފަރާތްތައް މިހާރުން މިހާރަށް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ. އަވަށްޓެރި ޕާކިސްތާނާއި އިންޑިއާއިންވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ ތާލިބާނު ޖަމާޢަތުންނެވެ.