ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މިއަހަރު ކުރިއަށް ގެންދާ ކޯސްތަކުގެ ތެރެއިން ނޫސްވެރިކަމުގެ ދައިރާގެ ކޯސްތައް އަންނަ ހަފްތާގައި ފަށަން ނިންމައިފިއެވެ.
އެގޮތުން މިއަހަރު ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ނޫސްވެރިކަމުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ އޮރިއެންޓޭޝަން ސެޝަން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ 15 ބައިވެރިންނާ އެކު ފަށާ މިކޯހަކީ 3 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގެ ބައިވެރިންނަށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް އުނގަނައިދީ، ކެމެރާ ކުރުމާއި، ވީޑިއޯ އެޑިޓް ކުރުމާއި، ޓީވީ އަދި ރޭޑިއޯ ޕްރެޒެންޓިން ފަދަ "މަލްޓި ޓާސްކް" ނޫސްވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުނަރުތައް ދަސްކޮށް ދޭނެއެވެ. އަދި، ކޯހުގެ ބައިވެރިންނަށް ޕަބްލިކް ސަރވިސް މީޑިއާގެ ވަސީލާތްތައް ބޭނުންކޮށްގެން ޢަމަލީ ތަޖްރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ޢިލްމީ އަދި ތަޖްރިބާ ހޯއްދަވާފައިވާ ބޭފުޅުންނެވެ.
img:http://s2.psmnews.mv/images/660x400/15171532516600.jpg|އެމްއެމްއައި އިން މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ : އެމްއެމްއައި
ނޫސްވެރިކަމުގެ ދާއިރާއަށް ޚާއްޞަ ކޯހުގެ އިތުރުން އަންނަ ފެބްރުއަރީ މަހު ޓީވީ ޕްރޮޑަކްޝަންއަށް ޚާއްޞަ ކޮށްގެން ސެޓްފިކެޓް ވަން އިން ޓީވީ ޕްރޮޑަކްޝަން އާއި ޕްރެޒެންޓިންގ އަށް ޚާއްޞަކޮށްގެން ސެޓްފިކެޓް ވަން އިން ޓީވީ ޕްރެޒެންޓިންގ ކޯހެއް ފެށުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ބްރޯޑްކާސްޓް މެނޭޖްމަންޓްގެ ދައިރާއިން ސެޓްފިކެޓް ތްރީ އިން ބްރޯޑްކާސްޓް މެނޭޖްމެންޓް ގެ ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއައި އިން ބުނެއެވެ. އެމްއެމްއައި އިން ކުރިއަށް ގެންދާ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ހަޔާރ އެޑިއުކޭޝަން ޑިޕާޓްމެންޓުން ހުޅުވާލައްވާފައިވާ 2050 ސްކޮލަޝިޕް ސްކީމްގެ ދަށުން ފަންޑު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްއައި އިން މިއަހަރު ކުރިއަށް ގެންދަން ރާވާފައިވާ އިތުރު ކޯސްތަކުގެ ތެރޭގައި މެލޭޝިއާގެ ލިމްކޮކް ވިންގ ޔުނިވާރސިޓީ އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮފެޝަނަލް ޑިޕްލޮމާ އިން ސައުންޑް އެންޑް މިއުޒިކް ޑިޒައިން އާއި ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕަރފޯމިންގ އާޓްސް އެންޑް ކްރިއޭޓިވިޓީ ފަދަ ކޯސްތަކުގެ އިތުރުން އޭބީޔޫ އާއި އޭއައިޑީބީ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.