ތަޢުލީމު

ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް %77އަށް


މިދިޔަ އަހަރުގެ އޮކްޓޫބަރ ނޮވެމްބަރުގައި ބޭއްވި ކޭމްބްރިޖް އޯލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ނިސްބަތް 77 އިންސައްތައަށް އަރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތެއް އިންސައްތައިގެ ކުރިއެރުމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއީ ދަރިވަރުންގެ ބުރަ މަސައްކަތާއެކު ހޯދި މި ނަތީޖާއިން ދައްކުވައިދެނީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ކާމިޔާބުކަމުގެ މިސާލެއް ކަމަށެވެ.

މިދިޔަ އަހަރު އޯ ލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި 5300 އެއްހާ ދަރިވަރުން ބައިވެރިވެފައިވެއެވެ. އިމްތިޙާނުގެ ނަތީޖާތައް މިމަހުހެ 18 ވަނަ ދުވަހު ދޫކުރަން ފަށާފައިވާއިރު، މިއަހަރުވެސް އޯ ލެވެލް އާއި އެސް.އެސް،ސީ އިމްތިހާނުގައި ދިވެހި ދަރިވަރުން ރަގަޅު ނަތީޖާތަކެއް ހޯދާފައިވެއެވެ. 

ނޫސްވެރިންނަށް މަޢުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ޖުމްލަ ނަތީޖާއަށް ބަލާއިރު، އެންމެ ބޮޑު ކާމިޔާބީއަކީ 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް %77އަށް އިތުރުވުން ކަމަށެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު %7 ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން 3 މާއްދާއިން ފާސްވި ނިސްބަތްވެސް %92.8 އިތުރުވެފައިވާކަން މިނިސްތަރ ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، ފަސް މާއްދާއިން ފާސްވި ނިސްބަތް އަހަރުން އަހަރަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، ތިން މާއްދާއިން ފާސްވި ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި ކަމަށާއި، ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާކަމަށެވެ. މިއީ ތައުލީމީ ދާއިރާއިން ރާއްޖެއިން ހާސިލްކުރި ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"ރާއްޖޭގެ ތަޢުލީމީ ތާރީޚަށް ބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރު ލިބިގެންދިޔަ ކުރިއެރުމަކީ، ދިހަ އަހަރުގެ މުއްދަތުގައި ލިބުނު ކާމިޔާބީއާ އެއްވަރުގެ ކުރިއެރުމެއް ކަމަށްވާތީ، މި ލިބުނު ކުރިއެރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންކަމުން މިއަހަރަކީ ރާއްޖޭގެ ތާރީޚްގައި ތައުލީމީ ނަތީޖާ ވަރަށް ރަނގަޅު އަދި ބޮޑު ކާމިޔާބީއެއް ހާސިލުކުރެވުނު އަހަރެއް. ނަތީޖާއާއި ގުޅިފައި އޮތީ ބެލެނިވެރިންނާއި ސްކޫލްތަކާއި އެންމެން ގުޅިގެން ކުދިންގެ ހައްޤުގައި ކުރެވިފައިހުރި މަސައްކަތްތައް. މި ނަތީޖާއާ ހަމައަށް ވާސިލުވުމަށް މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށާއި ރާއްޖޭގެ ސްކޫލްތަކަށް ޤާއިމުކުރެވިފައި ހުރި ވަސީލަތްތައް ރަނގަޅު ކުރުމުގެ ވަރަށް ގިނަ މަސައްކަތް ކުރެވުނު. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭނުންކުރާ ޑޭޓާ ސިސްޓަމްގެ ތެރެއިން ވަކިވަކި ކުދިންނަށް ހާސިލްކުރާ މިންވަރާއި އެހީތެރިކަން ބޭނުންވާ ކުދިން ފާހަގަކޮށް އެކަންކަމަށްވެސް ސަމާލުކަން ދެވިފައިވޭ." މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ރަނގަޅު ނަތީޖާތަކެއް ދަރިވަރުން ހޯދަމުންދާއިރު، މަޖުބޫރު މާއްދާތައް ކަމުގައިވާ ދިވެއްސާއި އިސްލާމް މާއްދާގެ ނަތީޖާ އެއް ހަމައެއްގައި ހިފެހެއްޓިފައިވުމާއެކު ސްކޫލްތަކާ ގުޅިގެން މި ދެމާއްދާގެ ނަތީޖާ ރަނގަޅު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިއުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭ ޓީޗަރުން ބައިވެރިވެފައިވާތީ ކުރިއަށް އޮތްތަނުގައި އެ މާއްދާތަކަށް ދެވޭ ސަމާލުކަން އިތުުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ޤަބޫލުކުރަން ދަރިވަރުންގެ ނަތިޖާތައް ރަގަޅުކުރަން އަދިވެސް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށް. ޚާއްސަކޮށް ދިވެހި އިސްލާމް މި މާއްދާތަަކަކީ މަޖުބޫރު މާއްދާތަކަކަށް ވުމާއެކު، ނަތީޖާ އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ހުރުން ބަދަލުކޮށް ނަތީޖާ ރަަގަޅު ކުރުމަށް ސްކޫލްތަކާއި ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އުންމީދަކީ މި ބަދަލުތަކާއެކު މި މާއްދާތަކުން ފާސްވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުކުރުން." މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މަޖުބޫރު މާއްދާތަކުގެ ތެރެއިން އިނގިރޭސިއާއި ހިސާބު މާއްދާއިންވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ބިނާކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު ނޮވެމްބަރުގައި ބޭއްވި އޯ ލެވެލެ އަދި އެސް.އެސް.ސީ އިމްތިހާނުގެ ވަގުތީ ނަތީޖާއަށެވެ. ނަތީޖާ ރީޗެކް ކުރުމަށް ހުށައެޅުމުގެ ފުރުޞަތު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ދާއިމީ ނަތިޖާ ދޫކުުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 29 ވަނަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން ބުނެއެވެ.