ދުނިޔެ

ޑޮނާލްޑް ޓްރަމްޕަށް ރަން ފާޚާނަ ތަށްޓެއް..!


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ އަދަޔާ ޚިލާފު ބޭފުޅެކެވެ. އެމަނިކުފާނު ކުރައްވާ ކަންކަމާއި ވިދާޅުވެވޭ ބަސްތަކުން އަބަދުވެސް އޮންނަނީ މީޑިއާގެ ސަމާލުކަން ލިބިފައެވެ. ނަމަވެސް މިފަހަރު ޓްރަމްޕަށް ސަމާލުކަން ލިބިވަޑައިގަތީ، އޭނާ ކުރެއްވިކަމަކުންނެއްނޫނެވެ. މިފަހަރު ކުރި ކަމެއްކުރީ ވައިޓް ހައުސްއިންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ޒީނާތްތެރިކުރުމުގެ މަސައްކަތްކުރާ ސެކްޝަނުން ބޭނުންވީ ވައިޓް ހައުސްގައި ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ދިރިއުޅުއްވާ ބަޔަށް އަގުބޮޑު ކުރެހުމެއް ހޯދާށެވެ. އެގޮތުން މަޝްހޫރު ކުރެހުންތެރިޔާ ވެންގޯ 1888 ވަނަ އަހަރު ކުރަހާފައިވާ މަޝްހޫރު ކުރެހުމެއް ހޯދުމަށް އެމެރިކާގެ ނިއުޔޯކުގެ މިއުޒިއަމަކަށް ވައިޓް ހައުސުން ސިޓީ ފޮނުވިއެވެ.

ވައިޓް ހައުސްއިން ފޮނުވި ސިޓީގެ ޖަވާބުގައި ނިއު ޔޯކުގެ މިއުޒިއަމުން ބުނީ، އެކުރެހުމުގެ ގޮތުން، ވަރަށް ޚާއްސަ ޙާލަތެއްގައި ނޫނީ އެކުރެހުން މިއުޒިއަމުން ބޭރަށް ގެންދެވޭކަށް ނޯންނަކަމަށެވެ. އެހެންކަމުން އެކަން ނުކުރެވޭނޭކަމަށް މިއުޒިއަމުން ވައިޓް ހައުސްއަށް އެންގިއެވެ.

img:http://s4.psmnews.mv/images/660x400/15171277715153.jpg|ވައިޓް ހައުސުން ބޭނުންވި ކުރެހުމުގެ ފޮޓޯއެއް

ނަމަވެސް މިއުޒިއަމުން ވަނީ ވައިޓް ހައުސަށް އިތުރު ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ އެތަނުގައި ދައްކާލުމަށް ބަހައްޓާފައި ހުރި އެއް މިލިއަން ޑޮލަރުގެ އަގުހުރި "ރަން ފާޚާނަ ތަށްޓެކެވެ". 18 ކެރަޓް ރަނުން ހަދާފައިވާ މި ފާޚާނަ ތައްޓަކީ އިޓަލީގެ އާޓިސްޓެއްގެ އުފެއްދުމެކެވެ. "އެމެރިކާ"ގެ ނަން ދީފައިވާ ފާހަނަ ތަށި މިދިޔަ އަހަރެއްހާ ދުވަހު ބަހައްޓާފައި ހުރީ މިއުޒިއަމްގައި، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށެވެ. 

ނިއުޔޯކް މިއުޒިއަމުން ވައިޓް ހައުސްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރަން ފާހަނަތަށި ބޭނުންފުޅުނަމަ، އުފަލާއެކު އެކަން ކޮށްދޭނެކަމަށެވެ. މިކަމާއި ގުޅޭގޮތުން ވައިޓް ހައުސް އަދި ނިއުޔޯކްގެ މިއުޒިއަމުންވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.