ކުޅިވަރު

ބެންޒިމާ ކޯޗު ޒިދާންއާ ސަލާމެއް ނުކުރި!


ކޯޗު ޒައިނުއްދީން ޒިދާނާ ސަލާމްނުކޮށް ރެއާލް މެޑްރިޑުގެ ފޯވަޑް ކަރީމް ބެންޒެމާ ރުޅި ހަދާލައިފިއެވެ.

މިކަން ހިނގީ ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން ރެއާލް މެޑްރިޑް 4-1 ން މޮޅުވި މެޗުގެ ފަހު ހާފުގައި ބެންޒެމާ ބަދަލު ކުރުމުންނެވެ.

ޓީވީން އެތައް ބަޔަލު ބެލި މެޗަށް ފަހު މިކަމާ ސުވާލު ކުރުމުން ކޯޗު ޒިދާން ބުނީ އޭނާގެ ޤައުމު ފްރާންސްގެ ފޯވަޑް ހުރީ މެޗުން މޮޅުވުމުން އުފަލުން ކަމަށެވެ.

"ކޮންމެ ކުޅުންތެރިއަކު ވެސް ބަދަލު ކުރުމުން ކޮންމެވެސް އަވަސް ހަރަކާތެއް ގެންނާނެ. ބެންޒެމާ ހުރީ އަހަރުމެން މޮޅުވުމުން އުފަލުން. އެންމެ މުހިންމު ކަމަކީ މޮޅުވުން،" ޒިދާން ބުންޏެވެ.

ފުރަތަމަ ހާފުގައި ލިބުނު ދެ ޕެނަލްޓީން ކްރިސްޓިއާނޯ ރޮނާލްދޯ ދެ ގޯލު ކާމިޔާބުކޮށްދިން އިރު، ފަހު ދެ ގޯލު ޖެހީ ޓޯނީ ކްރޫސް އާއި މާސެލޯއެވެ. މި މޮޅާއެކު ރެއާލް އޮތީ 38 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނާގައެވެ. ވެލެންސިއާ އަޮތީ 40 ޕޮއިންޓާއެކު ތިން ވަނާގައެވެ.

ޒިދާން ބުނީ ވެލެންސިއާގެ ދަނޑުގައި މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް މުޅި ޓީމު ދެެއްކި ކުޅުމާމެދު އޭނާ ވަަރަށް ހިތްހަމަޖެހޭ ކަމަށެވެ. ލީގުގައި ވަރަށް ބޮޑަށް ފަހަތުގައި އޮތް ނަމަވެސް އުނދަގޫ ހާލަތަކުން އަރައިގަތުމަށް ޓީމުގެ ކުޅުންތެރިން ގުޅިގެން ކުރަމުންދާ މަސައްކަތާމެދު ޒިދާން ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ.