ޚަބަރު

ކެލާ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފި


ތިލަދުންމަތީ އުތުރުބުރީ ކެލާގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

މި މަސައްކަތް އަލުން ފަށާފައި މިވަނީ 6 މަސްވަންދެން ހުއްޓިފައި އޮތުމަށްފަހުގައެވެ. ކެލާ ކައުންސިލުން ބުނީ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް، ހުއްޓިފައި އޮތީ، ބޮޑު ހިލަ ޖަހަމުންދިޔަ ގޮތާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން ކަމަށް ކެލާ ކައުންސިލުން ބުނެއެވެ. އަދި މި މަސައްކަތް އަލުން ފަށާފައިވަނީ ހައުސިން މިނިސްޓްރީއާއި، ކެލާ ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.

ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ދެހާހަށް ވުރެ ބޮޑު އާބާދީއެއް ކެލާގައި ދިރިއުޅޭއިރު ކުރިން އެރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާއި، ދުއްވާ ކަނޑުއުޅަނދު ފަހަރާ އަޅާބަލާއިރު ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު ކުރަމުންނެވެ.

ކެލާގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ނިންމާ ސަރުކާރުން ވަނީ ބަނދަރުގެ އިރުމަތީ ފަރާތުން 450 ފޫޓު ދިގުކޮށް، ފުޅާމިން 300 ފޫޓަށް ބޮޑުކޮށްފައެވެ. މިހާރު ކެލާ ބަނދަރަކީ 750 ފޫޓް ދިގު، 300 ފޫޓް ފުޅާ ތަނަވަސް ބަނދަރެކެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް ބަނދަރުގެ މަސައްކަތް ހުއްޓާލީ ބޭރު ތޮށީގައި ހިލަ ޖަހަމުންދިޔަ ގޮތާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެެންނެވެ. އެރަށުގެ ރައްޔިތުން ހިންހަމަނުޖެހުނީ،  ވެލި ބެޑެއް ޖެހުމަށްފަހު އޭގެ މަތީގައި ހިލަ ޖަހައިގެން މި މަސައްކަތް ކުރަން ފެށުމުންނެވެ. ނަމަވެސް ކެލާ ކައުންސިލުން ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށް މިހާރު ވަނީ މި މައްސަލަ ހައްލުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް، ވެލި ބެޑް ނެގުމަށްފަހު ހިލަ ޖެހުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން 200 މީޓަރު ދިގު ބޭރު ތޮއްޓަކާއެކު، އެއްގަމު ތޮށްޓާއި އިންވެގެން 229 މީޓަރު ދިގު އަދި 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. އަދި ބަނދަރު ނެރު ބައްތި ޖެހުމާއި ބަނދަރު ފުން ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ބަނދަރުގެ ބޮޑު ކުރުމުގެ ސަބަބުން ކެލައަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވެފައިވާ ކަމަށް ކެލާ ކައުންސިލުން ބުނެއެވެ. ކެލާ ބަނދަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.