ޚަބަރު

ރަށްރަށުގެ ކުނި މެނޭޖުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއް


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނުގައި ބަޔާންކޮށްފައިވާގޮތުން އެ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަކީ އެރަށެއްގެ ރަށުކައުންސިލްގެ ޒިންމާއެކެވެ. އެންވަރަންމެންޓް މިނިސްޓްރީގެ ބެލުމުގެދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި އެ މުއައްސަސާއިން ގެންދަނީ ކުނި މެނޭޖުކުރުމަށް ކައުންސިލްތަކަށް މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

7 ރީޖަނަަކަށް ރާއްޖެ ބަހާލައިގެން ކުރިއަށްގެންދާ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ޕްރޮގްރާމްގެދަށުން، ރަށްރަށުގައި ކުނި ކޮށިތައް ޤާއިމުކޮށް އެ މަސައްކަތް ކުރެވޭނެ މަގު މިނިސްޓްރީން ގެންދަނީ ކައުންސިލްތަކަށް ފަހިކޮށްދެމުންނެވެ.

އެންވަރަންމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ރާއްކާތެރިގޮތުގައި ކުނި މެނޭޖުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމަށެވެ. ނަމަވެސް ރާއްޖޭގެ ރަށްރަށުގެ ސައިޒާއި، ކުނި އުފައްދާ މިންވަރަށް ބަލައި ކޮންމެރަށެއްގައިވެސް ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ ކުނިކޮށްޓެއް ޤާއިމުކުރާނެކަމަށެވެ. އެގޮތުން ސަރުކާރުގެ ޢަމާޒަކީ 2018ވަނަ އަހަރު ނިމުނުގެ ކުރިން ކޮންމެ ރަށެއްގައި ކުނިކޮށްްޓެއް ޤާއިމުކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު ޤާއިމުކުރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ކައުންސިލްތަކުން ކުނި މެނޭޖުކުރާނެގޮތާއިމެދު ހޭލުންތެރިކޮށް އެކަންކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް މިނިސްޓީންގެންދަނީ އެކި ޒޯންތަކުގައި ސެމިނަރތަކާއި ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން ޒޯންތަކުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތައް ހިމެނޭގޮތަށް ކުރިއަށްގެންދާ މި ސެމިނާ މިހާރުވަނީ ގއ. އާއި ގދ.އާއި ފުވައްމުލައްސިޓީއާއި އައްޑޫ ސިޓީ ހިމެނޭ ޒޯން ހަޔަކާއި ހަތާކާއި، ނ. ރ. ބ. ޅ. މިއަތޮޅުތައް ހިމެނޭ ޒޯން ހަތަރެއް ފަހެއްގައި ކުރިއަށް ގެންގޮސްފައެވެ. މި ސެމިނާގައި ކައުންސިލްތަކުން ކުނި ނައްތާލުމަށް ޢަމަލުކުރަމުންދާ ގޮތްތަކާއި، ކުނި ނައްތާލުމުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ރަނގަޅުކޮށް ރަށްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުވަނީ ހިއްސާކޮށްފައެވެ. 

މިނިސްޓަރ ވިދާޅުވީ ސެމިނާރ ކުރިއަށްގެންދިޔަ ޒޯންތަކުގެ ގިނަ ރަށްތަކުގައި ޒަމާނީ ކޮނިކޮށި ޤާއިމުކޮށްފައިވާކަމަށާއި، ކުނި ކޮށި ހިންގުމަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާކަމަށެވެ. 

"ކުނިކޮށިތައް ޤާއިމުކުރުމަށްފަހު ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރަނީ ކައުންސިލްތަކާ. ކުނި ކޮށި ހިންގުމުގައި ދަތިތައް ކުރިމަތިވާނަމަ މިނިސްޓްރީގެފަރާތުން އެކަމަށް ބޭނުންވާ އެއްބރުލުން ލިބޭނެ. އޭގެތެރެރޭގައި މެޝެނަރީއާއި، ކާދު ހެދުމަށް ބޭނުންވާ ޓްރެއިނިންގވެސް ފޯރުކޮށްދެން. މިހާރުވެސް ރާއްޖެއިން ބޭރުގައި 80 ފަރާތަކަށްވަނީ މިކަމާއިގުޅޭ ތަމްރީންތައް ދީފައި." އެންވަޔަރަންމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ. 

މީގެއިތުރުން މާލޭގައިވެސްވަނީ ކުންޏާއި ގުޅޭ ޚާއްސަ ސެމިނާއެއް ކުރިއަށްގެންގޮސްފައެވެ. މި ސެމިނާގައި ކޮންމެ އަތޮޅަކުން 2 މީހުން ބައިވެރިކޮށް ކުނި ރަންގަޅުގޮތުގައި ނައްތާލުމާއި ގުޅޭގޮތުން ތަމްރީންދީ، ރަށު ފެންވަރުގައި ކުންޏާމެދު ޢާއްމުން ހޭލުންތެރިކުރާނެ ގޮތްތަކާ ގުޅޭގޮތުންވަނީ ތަމްރީންދީފައެވެ.