ޚަބަރު

ތަމްރީން ވުމަށް އެމްއޭސީއެލްގެ 8 މުވައްޒަފުން ސިންގަޕޫރަށް


ޗަންގީ އެއަރޕޯޓްގަ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އެމްއޭސީއެލްގެ 8 މުވައްޒަފުން ސިންގަޕޫރަށް ފޮނުވަން އެމްއޭސީއެލް އިން ނިންމައިފިއެވެ. މިއީ އެމްއޭސީއެލްގެ މުވައްޒަފުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ "އޮން ދަ ޖޮބް ޓްރެއިނިންގ" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ތަމްރީންތަކެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޓްސް ސިންގަޕޯރއާއި ގުޅިގެން ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްގައެވެ. މިތަމްރީންގައި އެއަރޕޯޓުގެ މަސައްކަތްތަކާއި ގުޅޭ ތަފާތު ދާއިރާތަކުން މުވައްޒަފުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.

ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ 8 މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އެއަރޕޯޓަށް ބޮޑެތި ތަރައްޤީއާއި ބަދަލުތައް އަންނަމުންދާއިރު، އެފެންވަރަށް މުވައްޒަފުން ތަމްރީން ކުރުމަކީ އެމްއޭސީއެލްއިން ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށް ކުރުމުންދާ މަސައްކަތުގެދަށުން ސެޓްސް ސިންގަޕޯއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން ބޮޑެތި އިންޓާރނޭޝަނަލް އެއަރޕޯޓްތަކުގައި މަސައްކަތްކުރާ ގޮތްތައް ދަސްކޮށް، ވީއައިއޭ ތަރައްޤީކުރުމުގައި ބޮޑު އެހީއަކަށް ވެގެންދާނެކަމަށެވެ.

"ވީއައީއޭގައި ކުރިއަށްދަނީ ޒަމާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު. މިފަދަ ޓްރެއިންނގްތަކުގެ ސަބަބުން މިހާރު ވީއައިއޭއިންދޭ ޚިދުމަތް ވަރަށް ބޮޑަށް ތަރައްޤީވެ ދުނިޔޭގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ޚިދުމަތް ފޯރުކޮށްދޭ ގޮތްތައް ދަސްވެގެންދާނެ." ޢާދިލް މޫސާ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މުވައްޒަފުން ހޮވާފައިވަނީ އެމްއޭސީއެލްގެ ޚާއްޞަ ކޮމެޓީއަކުންނެވެ. ޢާދިލް މޫސާ ވިދާޅުވީ މުވައްޒަފުން ތަރައްޤީ ކުރުމަށް މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށްއޮތްތަނުގައިވެސް ކުރިއަށްގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސެޓްސް ސިންގަޕޯރގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް، ހިއުމަން ކެޕިޓަލް ލިލިއަން ޓޭން ވިދާޅުވީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓަކީ ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުން އަންނަ އެއަރޕޯޓެއްކަމަށެވެ. އަދި މި ތަމްރީން ގެތެރެއިން އާ ޓެކްނޮލޮޖީއާއި އޭވިއޭޝަން ދާއިރާގައި ދިމާވާާ އެކިއެކި މައްސަލަތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތައް މުވައްޒަފުންނަށް ދަސްވެގެންދާނެކަމަށެވެ.

"ވީއައިއޭގެ ހިންގުން ހަރުދަނާކުރުމަށް ސެޓްސް ސިންގަޕޯރގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނަން. މި ޓްރެއިނިންގ ޕްރޮގްރާމްގައި ޗަންގީ އެއަރޕޯޓްގެ އެކި ދާއިރާތައް ހިންގުމުގައި ގެންގުޅޭ އުކުޅުތަކާއި އުސޫލުތައް ދަސްކޮށްދެވޭނެ. އަދި އާ ޓެކްނޮލޮޖީގެ ވަސީލަތްތައް ދަސްކުރުމާއި ތަޖުރިބާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ" ލިލިއަން ޓޭން ވިދާޅުވިއެވެ.

އެމްއޭސީއެލްއާއި ވީއައިއޭ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމަކީ ތިން މަސްދުވަހުގެ ޕްރޮގްރާމެކެވެ.