ޚަބަރު

ޖެންޑަރ މިނިސްޓަރ ލާއޯސްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން


އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާ ކުރިއަރުވައި، އެދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއާ ލާއޯސް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެޤައުމުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާ ކުރިއަށްގެންގޮސްފައިވަނީ، މިމަހުގެ 22 އިން 25 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ލާއޯސްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ލޭބަރ އެންޑް ސޯޝަލް ވެލްފެއަރ މިނިސްޓަރ ސޮމްފެންގ ޒޭސޮމްފެންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ވަނީ މިދާއިރާއިން ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން އަންހެނުންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ޖެންޑަރ މިނިސްޓަރގެ މިދަތުރުފުޅުގައި ލާއޯސްގެ އަންހެނުންގެ ޙައްޤުތަކާއިބެހޭ އިދާރާކަމުގައިވާ، " ލާއޯ ވިމެންސް ޔޫނިއަން" ގެ ރައީސާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ވަނީ އެ އިދާރާއިން އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަ ފުރުޞަތު ހޯދައިދީ، އަންހެނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެޤައުމުގެ ކައުންސިލިންގ އެންޑް ޕްރޮޓެކްޝަން ސެންޓަރ ފޮރ ވިމެން އެންޑް ޗިލްޑްރަން"އާއި، ލާއޯ ޑިސޭބަލް ވިމެންސް ޑިވޮލޮޕްމެންޓް ސެންޓަރަށް ޒިޔާރަތްކުރައްވާ، މިނިސްޓަރ ވަނީ އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ.

ޖެންޑަރ މިނިސްޓަރގެ މިދަތުރުފުޅުގައި ލާއޯސްގެ ބައެއް ޔަތީމު ޚާނާތަކަށްވެސް އެކަމަނާވަނީ ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.