ކުޅިވަރު

ސަންޗޭޒްގެ ފުރަތަމަ އަދި މޮރީނިއޯގެ 100 ވަނަ މެޗުން މެންޔޫ މޮޅު


މެންޗެސްޓަރ ޔުނައިޓެޑަށް ހޯސޭ މޮރީނިއޯ އިރުޝާދުދިން 100 ވަނަ މެޗުގައި، ސަންޗޭޒް މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާ އެފްއޭކަޕުން މޮޅުކޮށްދީފިއެވެ. 

އެފްއޭކަޕް ހަތަރުވަނަ ބުރުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް 4-0 ން ކުރި ހޯދީ ލީގު ޓޫގެ ޔެއޮވިލް ޓައުންގެ މައްޗަށެވެ. މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ދެ ލަނޑު ޖެހީ ރަސްޝްފޯޑާއި، ހެރޭރާއެވެ. މިދެލަނޑު ޖަހަންވެސް މަގުފަހިކޮށްދިނީ އާސެނަލްއިން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ، ކުޅުނު ފުރަތަމަ މެޗުގައި ރޭ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޗިލީގެ ފޯވާޑް ސަންޗޭޒްއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އަނެއް ދެ ލަނޑު ލިންގާޑާއި، ލުކަކޫ ޖެހީ ސަންޗޭޒް ބަދަލުކުރި ފަހުންނެވެ. ކޯޗު މޮރީނިއޯ ވަނީ 72 ވަނަ މިނިޓްގައި ސަންޗޭޒް ބަދަލުކޮށްފައެވެ. 

މޮރީނިއޯ މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދުދިން 100 ވަނަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިއިރު އިއްޔެއަކީ އޭނާގެ 55 ވަނަ އުފަން ދުވަހެވެ. މެންޗެސްޓަރ ޔުނައިޓެޑަށް މޮރީނިއޯ އިރުޝާދުދިން 100 މެޗުގެ ތެރެއިން 62 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. 100 ވަނަ މެޗު ކާމިޔާބުކުރި އިރު މޮރީނިއޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ އާއެއްބަސްވުމުގައި ސޮއިކޮށްފައެވެ. 

މިސީޒަންގައި ތަށްޓެއް ހޯދަން މެންޗެސްޓަރ ޔުނައިޓެޑަށް އޮތް އެންމެ ފަސޭހަ މަގަކީވެސް އެފްއޭކަޕެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެޓީމް އޮތީ އެއްވަނާގައިވާ ސިޓީއަށްވުރެ 12 ޕޮއިންޓް ފަހަތުން ދެވަނާގައެވެ.