ޚަބަރު

ޑިޕްލޮމެޓިކް ގުޅުމަށްވުރެ އިންޑިޔާއާއި ރާއްޖޭގެ ގުޅުން މާ ބޮޑު


ރާޢްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން، ޑިޕްލޮމެޓިކް ގުޅުމަށްވުރެ މާ ބޮޑުކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ އިންޑިޔާގެ 69 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޣިޔާސުއްދީން ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑިޔާއާއި ރާއްޖޭގެ ގުޅުން ފެށިފައިވަނީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ. ދެ ޤައުމުގެ ދެމެދު އޮތީ ތަރީޚާ ސަޤާފަތުގެ ތެރެއިން އުފެދިފައިއޮތް ވަރުގަދަ ބަދަހި ގުޅުމެއް ކަމަށެވެ. އަދި މި ގުޅުމަކީ ޑިޕްލޮމެޓިކް ގުޅުމަށްވުރެ މާ ވަރުގަދަ ގުޅުމެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ދިވެހި ބަހަށް އެކަނި ނަޒަރު ހިންގާލިއަސް، ދެ ޤައުމުގެ ގުޅުން ވަރަށް ރަގަޅަށް ރަމްޒްކޮށްދޭ ކަމަށެވެ. މިރަސްމިއްޔާތުގައި ސަފީރު ވަނީ ދިވެހި ބަހާއި، އިންޑިޔާގެ މުސްކުޅި ބަސްތަކުގައި ހުރި އެއްގޮތް ލަފްޒްތައް ހިއްސާކޮށްފައެވެ. ރާއްޖެއަކީ އަބަދުވެސް އިންޑިޔާއަށް ޚާއްސަ ޤައުމެއް ކަމަށާއި، ދެ ޤައުމު ކުރިއަށްދަނީވެސް އެއް އަމާޒަކަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

ދުނިޔޭގެ ބޮޑު އިޤްތިޞާދަކަށް ވުމަށް އިންޑިޔާއިން ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، މިއަހަރުވެސް 7.4 އިންސައްތައިގެ ކުރިއެރުމެއް އިންޑިޔާގެ އިޤްތިޞާދަށް ލިބޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށެވެ. އިންޑިޔާއިން ހޯދަމުންދާ ތަރައްޤީއަކީ ހަމައެކަނި އިންޑިޔާގައި ދިރިއުޅޭ 1 ބިލިއަން މީހުންނަށް ލިބޭ ކުރިއެރުމެއް ނޫންކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، އެ ޤައުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ މުޅި ދުނިޔެއަށްވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ސަފީރު ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާ، ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިންޑިޔާއަކީ މުޅި ދުނިޔެއަށް ނަމޫނާ ޤައުމެއް ކަމަށެވެ. އެކި ބަސްބަހުން ވާހަކަދައްކާ، އެކި ސަޤާފަތުގެ މީހުންތަކެއް އެއް ޤާނޫނެއްގެ ދަށުން، އެއް ހަމައެއްގައި ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ގެންދިއުމުގައި އިންޑިޔާއިން މުޅި ދުނިޔެއަށް ދައްކައިދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑިޔާއަކީ ރާއްޖޭގެ އެންމެ ގާތް ޤައުމުކަން ފާހަގަކޮށް، ދެ ޤައުމުގެ ގުޅުން ހުރިހާ ދާއިރާއަކުންވެސް ފެންނަ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާއި ގިނަ އަދަދެެއްގެ އިންޑިޔާ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ. މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ދެ ޤައުމުގެ ސަޤާފަތް ދައްކުވައިދޭ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާ އެކުގައެވެ.