ވިޔަފާރި

އިންސާނުންގެ ވަގުވިޔަފާރިކުރުން ހުއްޓުވުމާއިބެހޭ ތަމްރީންތަކެއް ފަށައިފި


 


އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނާއި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގުޅިގެން، "ކެޕޭސިޓީ ބިލްޑިންގ ފޮރ ފްރޮންޓްލައިން އެންޑް ބޯޑަރ ކޮންޓްރޯލް އޮފިސަރސް ޓު ކޮމްބެޓް ޕީޕަލް ސްމަގްލިންގ" ގެ ނަމުގައި 5 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑިފެންސް  މިނިސްޓަރ ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްއެވެ.


 
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ހުރަސްކޮށް އެހެން ގައުމުތަކަށް މީހުން ގެންދިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ބޯޑަރ ވަރުގަދަކޮށް ސަލާމަތްތެރި ބޯޑަރަކަށް ހެދުމަށް މި ޓްރެއިނިން ޕްރޮގްރާމަކީ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ. އަދި ރާއްޖެއަކީ އިންސާނުންގެ ވަގު ވިޔަފާރި ކުރެވޭ، ހަބަކަށް ވިޔަދީގެން ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އުސްތާޒް ހަސަން އަލީ ވިދާޅުވީ، މި ޕްރޮގްރާމް ވެގެންދާނީ އިމިގްރޭޝަންގެ ސެކިއުރިރިޓީ ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ވަރުގަދަ ކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅަކަށް ކަމަށެވެ. އަދި ހަމައެއާއިއެކު މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އިމިގްރޭޝަންގެ މެންޑޭޓްތައް ފުރިހަމަ ކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.


 
އިންޓަރނޭޝަނަލް އޮރގަނައިޒާޝަން ފޮރ މައިގްރޭޝަން- އައިއޯއެމްގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ އޮރގަނައިޒޭޝަންގެ ޕްރޮގްރާމް މެނޭޖަރ އާލިއާ ހިރްޖި ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން، އިންސާނުންގެ ވަގުވިޔަފާރި ކުރުމާއި، އިންސާނުން ވަގަށް އެތެރެ ވިޔަ ނުދިމަށް އަޅާނެ ފިޔަވަޅުތަކާއި، އެފަދަ އަމަލުތައް ދެނެގަންނާނެ ގޮތްތަކާއި ބެހޭ ގޮތުން ބައިވެރިންނަ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.


 
25 ބައިވެރިންނާއެކު ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމްގައި، ޓްރެއިނިން ދެއްވަނީ އައިއޯއެމްގެ ފަސް ޓްރެއިނަރުންނެވެ.


 
 


މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ހުންނަ އައިއޯއެމްގެ އޮފީހުން އިސްނަގައިގެން އިމިގްރޭޝަނާއި ގުޅިގެން " ކެޕޭސިޓީ ބިލްޑިން އިން އިމިގްރޭޝަން" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.  މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރުނބާ މޯލްޑިވްސްގައެވެ.