ތަރައްްޤީ

ކަސްޓަމްސްގެ ޓަވަރުތަކުގެ ޢަމަލީ މަސައްކަތް މާރޗްމަހު ފަށަނީ


"ހިޔާ" މަޝްރޫޢުގެ ދަށުން ކަސްޓަމްސުން އެޅުމަށް ހަމަޖެހިފައިވާ ޓަވަރުތަކުގެ ޢަމަލީ މަސައްކަތް އަންނަ މާރޗްމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން ކަސްޓަމްސްއިން 10 ބުރީގެ 4 ޓަވަރު އެޅުމަށްވަނީ ނިންމާފައެވެ.

މާލޭ ޞަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިއީ އެންމެ ގިނަ ރައްޔިތުން އެކަމަކާމެދު ކަންބޮޑުވެ، އެކަމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ނުކުންނަ ،އަދި ހުރިހާ ރައްޔިތުންގެވެސް މަސްލަހަތާއި ގުޅިފައިވާ މައްސަލައެކެވެ. އަދި މިއީ ޒަމާންތަކެއް ވަންދެން ޙައްލެއް ހޯދިފައިނުވާ މައްސަލައެއްވެސްމެއެވެ. 

އެކި ސަރުކާރުންތަކުން އެކި ދުވަސްވަރު ބޯހިޔާވަހިކަން ޙައްލުކޮށްދިނުމަށް ތަފާތު މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް، މިކަންކަމުގެ ނަތީޖާ މިއަދާއި ހަމައަށްވެސް އެންމެ އެކަށީގެންވާގޮތުގައި ނެރެވިފައެއްނުވެއެވެ. މިކަމަށް ހައްލެއް ގެނެއުމުގެ ގޮތުން ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފައްޓަވާފައެވެ. 

"ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ މި މަޝްރޫޢަކީ، ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ހިންގާ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވާ، ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންނެވެ. މާލޭ ޞަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މި މަޝްރޫޢަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ހިޔާ މަޝްރޫޢުގައި ބައިވެރިވާނެކަން އިޢުލާންކޮށްފައިވާ އެއް މުއައްސަސާއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ. ކަސްޓަމްސްގެ ފަރާތުން އެޅުމަށް ނިންމާފައިވަނީ 10 ބުރީގެ 4 ޓަވަރެވެ. އޭގެ ތެރޭގައި 1 ކޮޓަރި، 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭހެން 500 އާއި 600 އާއި ދެމެދުގެ ޢަދަދެއްގެ އެޕާޓްމަންޓްތައް ހިމެނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ކަސްޓަމްސްގެ ޓަވަރުތައް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތައް ހިމެނޭހެން 10 ޕާޓީއަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ކުންފުނިތައް ހިމެނޭއިރު، މި މަޝްރޫޢު އެވޯޑްކުރާނެ ފަރާތެއް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޝަރީފް ވިދާޅުވިއެވެ. "ކަސްޓަމްސް ހިޔާ"ގެ ނަމުގައި ތަރައްޤީކުރާ މި ޓަވަރުތަކުގެ އަމަލީ މަސައްކަތް އަންނަ މާރޗްމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ކަސްޓަމްސް ހިޔާ މިކިޔަނީ މި ޓަވަރުތަކަށް. ޓަވަރުތައް އެޅުމަށްޓަކާ އަޅުގަނޑުމެން އިޢުލާނެއް ކޮށްގެން، 10 ޕާޓީއަކުން މިކަމަށް ޝަޢުގުވެރިކަން ފާޅުކުރި. އަޅުގަނޑުމެން ޝަޢުގުވެރިކަން ފާޅުކުރި ފަރާތްތައް ޝޯޓްލިސްޓްކޮށް އެބޭފުޅުންނާއި ވާހަކަދައްކައިގެން މިހާރު އެއްފަރާތެއް ގާތްގަނޑަކަށް ފައިނަލައިޒްކޮށް މިހާރު އެންމެ ފަހު މަރުހަލާގައި މިއުޅެނީ. އެއީ ފައިނޭންސާއި ބިލްޑިންގއާއި ދެކަން ކުރުމަށްޓަކާ. އެ ދެކަމަށްވެސް ކޮންޓްރެކްޓަރުން ކަނޑައެޅުމަށްޓަކާ ފަހު މަރުހަލާގައި މިއުޅެނީ. މިޓަވަރުތަކުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް އުއްމީދު މިކުރަނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައި" ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ކަސްޓަމްސުން ތަރައްޤީކުރާ 10 ބުރީގެ 4 ޓަވަރުގެ ތެރެއިން ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް މި ޓަވަރުތަކުގެ ފުރަތަމަ 4 ބުރީގެ މަސައްކަތް ނިންމާ، މުވައްޒަފުންނަށް ދިރިއުޅުމަށް ދޫކުރަން ފަށާނެކަމަށް ކަސްޓަމްސުން ބުނެއެވެ. އަދި މި 4 ޓަވަރުގެ ހުރިހާ މަސައްކަތެއް 2019 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް އެ މުއައްސަސާއިން ބުނެއެވެ. ހިޔާ މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި، އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން، އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.