ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި


އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ކުރިއަށްގެންގޮސްފިއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭސް މިސްރާ އާއި އެންބަސީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ފެށީ ދިދަނެގުމުންނެވެ. ދިދަ ނެންގެވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭސް މިސްރާ ވިދާޅުވީ، އިންޑިއާގެ ކޮންމެ ރައްޔިތަކުވެސް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ޤައުމު ތަމްސީލުކޮށްދޭން ޖެހޭކަމަށެވެ. 

ރާއްޖޭގައި މައްސައްކަތް ކުރާ އިންޑިއާ ރައްޔިތުންނާ މުޚާޠަބްކުރައްވާ ސަފީރު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާއާއި، ސިޢްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެންވެސް ދާއިރާތަކުގައި އިންޑިއާގެ ރައްޔިތުންގެ ޚިދްމަތް ފާހަގަކުރެއްވޭ ކަމަށެވެ. އަދި  އެފަރާތްތަކުގެ އަގު ވަޒަންކުރައްވާ ސަފީރުވަނީ ޝުކުރުއަދާކުރައްވާފައެވެ.  ސަފީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން، ދިވެހި ޘަޤާފަތާއި އާދަކާދައަށް އިހްތިރާމްކުރަންވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ދުވަހާއި ގުޅުވައިގެން އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިރޭ ޙާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.