ޖީ.އެމް.އާރުން އެއަރޕޯޓް ހިންގި އިރު ޓާމިނަލެއް އެޅުމަށް ހުޅުލޭގެ ބައެއް ސަރަހައްދުތަކަށް ގެނައި ބަދަލުތައް ރޫޅާލައި، މިހާރު އަޅަމުންދާ އާ ރަންވޭ އެޅުމަށްޓަކާ އެސަރަހައްދުތައް ހުސްކުރުމަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު ޚަރަދުކޮށް ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދުމައް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.
އެއަރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖީ.އެމް.އާރު ކުންފުނިން ގެންގުޅުނު މާސްޓަރ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިނަމަ އެއަރޕޯޓުން މިއަދު މި ފެންނަ ފަދަ ތަރައްޤީގެ ކުލަވަރުތައް ނުފެންނާނެކަމަށް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމެޓެޑާއި ސަރުކާރުގެ ބައެއް އިސްބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން އެއަރޕޯޓް، ޖީ.އެމް.އާރ ކޮންސޯޓިއަމްއާ ހަވާލުކުރިފަހުން ޤަވާއިދާ ޚިލާފު އެތަށް ކަމެއް އެކުންފުނިން ކޮށްފައިވާކަން ވަނީ މުއައްސަސާތަކުން ފަހަގަކޮށްފައެވެ. އެގޮތުން ޖީއެމްއާރުން ޤަވާޢިދާ ޚިލާފަށް އެއާޕޯޓުގައި ވަޅުލާފައިވާ ގިނަ ޢަދަދެއްގެ ކުނި ދާދި ފަހުން ވަނީ ފެނިފައިއެވެ.
ޖީ.އެމް.އާރުން އެއަރޕޯޓް ހިންގުމަށް ގެންގުޅުނު ޕްލޭންގެ ދަށުން އެކުންފުނިން ޓާމިނަލް އަޅަންފެށީ ޤާނޫނު ނަންބަރު: 2012/2 މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތަކާއި، ޢިމާރާތް ކުރުމާ ގުޅޭގޮތުން ހޯދަންޖެހޭ ހުއްދަތައް ނުހޯދާ ކަމަށްވިދާޅުވެ، 2012 ވަނަ އަހަރުގެ ޖުލައިމަހުގެ 24 ވަނަ ދުވަހު އޭރުގެ ވަޒިރުންގެ މަޖިލީހުން ވެސް ވަނީ އެމަސައްކަތް ހުއްޓާލުމަށް އަންގާފައިއެވެ. މިއާއެކު 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ޖީ.އެމް.އާރާއެކު ވެވުނު އެއްބަސްވުން ނިމުމަކަށްގެނެސް އެއަރޕޯޓް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށަށް ގެނައެވެ. އޭގެ ފަހުން މި ސަރުކާރުން ވަނީ އެއަރޕޯޓްގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއަރޓަށް ބަދަލުކޮށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއެއް ފައްޓަވާފައެވެ.
އެއަރޕޯޓްގެ އޮޕަރޭޝަންތައް ފުޅާކޮށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ފެއްޓެވި މި މަޝްރޫޢުގެ ދަށުން މިހާރު ހަދަން ފަށާފައިވާ އާރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށްދަނީ، އިންޑިއާގެ ޖީއެމް.އާރު ކުންފިނުން އެއަރޕޯޓް ހިންގިއިރު އިތުރު ޓާމިނަލެއް އެޅުމަށް މަސައްކަތްފަށާފައިވާ ސަރަހައްދުގައިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓައް ޖައްސާ ފްލައިޓްތަކުގައި ރާއްޖެއަށް ކޮންމެ އަހަރަކުވެސް މިލިޔަނުން ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، އެކަށީގެންވާ ރަނގަޅު ޚިދުމަތެއް އެއަރޕޯޓުން ފޯރުކޮށްދިނުމަށް ޖީ.އެމް.އާރުގެ ޕްލޭންގައި ނެތްކަމަށެވެ. އެގޮތުން އެއަރޕޯޓްގެ އޮޕަރޭޝަންތައް އިތުރުކޮށް ޒަމާނީ ޚިދުމަތް ދިނުމައްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއް ރަންވޭއިން އެއރަޕޯޓް އޮޕަރޭޓުކުރުން ކަމަށްވާއިރު، ޖީ،އެމް.އާރުގެ ޕްލޭންގައި ދެވަނަ ރަންވޭއެއް އެޅުމަށް ހިމަނާފައި ނުވާކަން އާދިލް މޫސާ ފާހަގަކުރެއްވިއެވެ.
ޖީ،އެމް،އާރުން އެއަރޕޯޓް ހިންގި މުއްދަތުގައި އިތުރު ޓާމިނަލްއެއް އެޅުމަށް ހުޅުލޭގައި މަސައްކަތްތަކެއް ކޮށްފައި ހުރިކަމަށާއި، އެތަންތަން ނަގައި މިހާރު އަޅާ އާރަންވޭ އެޅުމައް ހަމައެކަނި ބިންގަނޑު ސާފުކުރުމަށް ނިސްބަތުން ބޮޑު ޚަރަދެއްކުރަން ޖެހުނުކަން އެމް.އޭ.ސީ.އެލްގެ މެނޭޖިްނގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އަދުގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދާއިރު، އެމްއޭސީއެލްގެ އަމާޒަކީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާ އެއްގޮތަށް ދިވެހިންގެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. އަދި އެއަރޕޯޓުން ކޮންމެ އަހަރަކު ޚިދުމަތް ހޯދަމުންދާ 1.5 މިލިއަން ފަސިންޖަރުންގެ އަދަދު 7.5 މިލިއަނަށް އިތުރުކުރުމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިއްމު ބައެއް މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު، އައު ރަންވޭ އެޅުމުގެ އަމަލީ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމިފައެވެ. މީގެ އިތުރުން ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިއަހަރު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.