ކުޅިވަރު

ކުޓީނިއޯގެ ފުރަތަމަ މެޗުން މޮޅުވެ، ބާސާ ސެމީއަށް!


ބާސެލޯނާގެ ޖަރޒީގައި ފިލިއްޕޭ ކުޓީނިއޯ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ބާސެލޯނާ ސްޕެނިޝް ކޮޕަޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. 

ކްއާޓަރ ފައިނަލް ދެވަނަ ލެގުގައި ރޭ ދޭއް ސުމަކުން އެސްޕަނިޔޯލްގެ މައްޗަށް ބާސާ ކުރި ހޯދި މެޗުގައި ކުޓީނިއޯ ދެވަނަ ހާފްގައި ކުޅެން ނިކުތީ އަންދްރޭ އިނިއެސްޓާގެ ބަދަލުގައެވެ. ރޭގެ މެޗުގައި ބާސާގެ ދެ ލަނޑު ޖެހީ ލުއިސް ސުއަރޭޒްއާއި، ލަޔަނަލް މެސީއެވެ. ބާސާއިން ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. 

ފުރަތަމަ ލެގުގައި އެކެއް ސުމަކުން ބާސާ ބަލިވެފައި އޮތުމުން، ސެމީފައިނަލަށް ދެވެން އޮތީވެސް ދެ ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ބާސާ ސެމީގެ ޖާގަ ކަށަވަރުކުރީ 2-1 އެގްރިގޭޓުން ޚުރި ހޯދައިގެންނެވެ.

img:http://s2.psmnews.mv/images/660x400/15169485380372.jpg|ރޭގެ މެޗުގެ ކުރިން މަޝެރާނޯ ދަރިފުޅާއެކު ސަޕޯޓަރުންނާ އަލްވާދުކިޔަނީ: ފޮޓޯ-އޭޕީ

ރޭގެ މެޗު ފެށުމުގެ ކުރިން އާޖެންޓީނާގެ މެޝެރާނޯ ވަނީ ބާސާގެ ސަޕޯޓަރުންނާ އަލްވަދާއު ކިޔާފައެވެ. އަށް އަހަރު ބާސާއަށް ކުޅެ، 18 ޓްރޮފީ ހޯދި ޑިފެންޑަރ ބާސާ ދޫކޮށް ބަދަލުވީ ޗައިނާގެ ހެބެއި ޗައިނާ ފޯރޓިއުންއަށެވެ. 

ރެކޯޑް ފީއަކަށް ލިވަޕޫލުން ބާސާއާއި ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރާ ގުޅޭގޮތުން ބާސާގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ ބުނީ ކުޓީނިއޯއާމެދު ވަރަށް ބޮޑު އުއްމީދުތަކެއް ކުރާކަމަށެވެ. އަދި ބާސާގެ ސްޓައިލަށް ކުޓީނިއޯ ފިޓްވަމުންދާކަމަށެވެ. ކުޓީނިއޯއަކީ ބާސާއަށް އެހީވެވޭނެ ވަރަށް މޮޅު ކޮލިޓީ ކުޅުންތެރިއްކަމަށާއި، ބާސާއަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ހިތްހަމަޖެހޭ ވަރުގެ ކުޅުނުމެއް ކުޓީނިއޯގެ ފަރާތުން ފެނުނުކަމަށް ކޯޗު ބުންޏެވެ.

ބާސެލޯނާ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދިއިރު ވާދަވެރި ރެއަލްމެޑްރިޑް ވަނީ މުބާރާތުން ކަޓާފައެވެ.