ޚަބަރު

"ވަޒީފާ ޔަޤީން" ޒުވާނުންގެ ޖޮބް އެކްސްޕޯ މިއަދު


ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޔޫތް މިނިސްޓްރީން ބާއްވާ ޙާއްސަ އެކްސްޕޯ މިއަދު އޮންނާނެއެވެ. "ވަޒީފާ ޔަޤީން" މި ނަމުގައި ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ މިއަދު ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 10 އަކަށް ބްރިޖް ވިއުއިންގ ޕްލެޓްފޯމް ސަރަޙައްދުގައެވެ. 

މި އެކްސްޕޯގެ ތެރެއިން އެކިއެކި ދާއިރާތަކުން ދިވެހި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނެއެވެ. އަދި ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި، ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުން ހުޅުވާލާފައިވާ އިންޓަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މި އެކްސްޕޯގެ ތެރެއިން އެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ "ޔޫތް ޗެލެންޖް 2018" އަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް އެ މިނިސްޓްރީން މިހާރު އަންނަނީ ވަމުންނެވެ. މިއަހަރުގެ ޔޫތް ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 އިން 10 އަކަށް ދަރުބާރުގޭގައެވެ. ޔޫތް ޗެލެންޖަކީ ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލުމާއި، މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް 1999 އިން ފެށިގެން ޔޫތް މިނިސްޓްރީން ބާއްވަމުން އަންނަ ހަރަކާތެކެވެ.