ޚަބަރު

މެދުއިރުމަތީގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތް ކުރުން


މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި އދގެ ޗާޓަރުގެ ތެރެއިން ހުރިހާ ޤައުމަކުންވެސް އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައްވައިފިއެވެ. 

ރާއްޖެއިން މިކަމަށް ގޮވާލެއްވީ މެދުއިރުމަތީގެ ޙާލަތާއި ފަލަސްތީނުގެ މައްސަލައާއިބެހޭ ގޮތުން މިރޭ އދ ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ފޮރިންގ އެފެއަރޒް ޑރ. މުޙައްމަދު އާސިމް ދެއްވި ބަޔާނުގައެވެ. މިބަޔާނުގައި ފޮރިންގ މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވަނީ މެދުއިރުމަތީގެ ޤައުމުތަކާއި ފަލަސްތީނުގެ މުސްލިމުންގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިނިސްޓަރ ވަނީ ފަލްސްތީނުގެ ހާލަތާއި ގުޅޭގޮތުން ފަލަސްތީނުގެ ކުށެއްނެތް މުސްލިމުންނަށް އިސްރާޢީލުންދޭ ހަމަލާތަކާއި އަނިޔާތަށް ފާހަގަކުރައްވާ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން އިސްރާއީލުގެ ވެރި ރަށަކީ ޤުދުސްކަމުގައި ހެދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އދގެ ސަލާމަތީ މަޖީލީހުން ފާސްކުރި އެއްވެސް ޤަރާރަކަށް ޢަމަލުކުރަމުން ނުދާކަން ފާހަގަކުރައްވާ، އިސްރާޢީލުން އދގެ ޗާޓަރާއި އެއްގޮތަށް އަމަލުތަށް ބެހެއްޓުމަށް ގޮވާލައްވާލެއްވިއެވެ.  



ފޮރިންގ މިނިސްޓަރުގެ ވާހަކަފުޅުގަ ސޫރިޔާގެ ހަތް އަހަރުވީ ދާޚީލީ ހަނގުރާމައަށް އަލިއަޅުއްވާލައްވާ، މިހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިޔަން ބައެއްގެ ގެދޮރުގެއްލި ރެފިއުޖީންގެ ގޮތުގައި އުޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ޔަމަނާއި ލީބިޔާގައި ކުރިއަށްދާ ހަމަނުޖެހުން ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން މިނިސްޓަރ އާސިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމާއި ހައްދުފަހަނައަޅާއި ދިއުމުގެ ނުރައްކަލާއި ގުޅޭގޮތުން މިނިސްޓަރ އާސިމްގެ ބަޔާނުގައި ވިދާޅުވީ، މިނުރައްކަލުން ސަލާމަތްވުމަށް ރޭވުންތެރިކަމާއެކު ޤައުމުތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.



ފޮރިން މިނިސްޓަރ ޢާސިމްގެ ބާޔާން ނިންމަވާލެއްވީ މެދުއިރުމަތީގެ ޤައުމުތަކުގައި އުފެދިފައިވާ ހަނގުރާމަތަކާއި ހަމަނުޖެހުން ނައްތާލުމަށް އދއާއި ސަލާމަތީ މަޖިލީހަށް ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލެއްވުން އަބަދުވެސް ރާއްޖެއިން ދެއްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.