ދުނިޔެ

އެމެރިކާއިން "ޓެރަރިސްޓުންނަށް" އެހީ ނުދިނުމަށް ތުރުކީން ގޮވާލުން


ސޫރިޔާގެ ބިމުގައި އެމެރިކާއާއި ތުރުކީވިލާތުން އަސްކަރީ ކުރިމަތިލުމެއް ހިނގުމަށް ނޭދޭނަމަ، އެމެރިކާއިން ޓެރަރިސްޓުންނަށް ދޭ އެހީތައް ވަގުތުން ހުއްޓާލަން ޖެހޭކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ތުރުކީވިލާތުގެ ބޮޑުވަޒީރުގެ ނާއިބު ބަކިރް ބޮޒްދާޖް ވިދާޅުވީ އެމެރިކާވެސް އަދި އެހެން ޤައުމަކުންވެސް ޓެރަރިސްޓުންނަށް އެހީތެރިވަމުންދާނަމަ އެ ކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށާއި، ސޫރިޔާގެ ހުޅަނގު އުތުރުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނާ ދެކޮޅަށް ތުރުކީ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭކަމަށެވެ.

މިއީ ތުރުކީވިލާތުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރާ ކުރުދީ ޖަމާއަތްތަކަށް އެމެރިކާއިން ވާގިވެރިވާކަމުގެ ތުހުމަތު، ތުރުކީގެ މަސްއޫލުވެރިން އެމެރިކާގެ މައްޗަށް ކުރައްވާ ފުރަތަމަ ފަހަރެއްނޫނެވެ. މީގެކުރިން ތުރުކީވިލާތުގެ އިސް މަސްއޫލުވެރިންވަނީ މި އެމެރިކާގެ މައްޗަށް ތުހުމަތުތައް ކުރައްވާފައެވެ. ބޮޒްދާޖް ވިދާޅުވީ އެމެރިކާއިން އެހީތެރިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުގެ މަޤްޞަދަކީ ސޫރިޔާގެ އުތުރާއި އިރުމަތީ ފަޅި އެ ޖަމާޢަތްތަކުގެ ނުފޫޒުގެ ދަށުގައި ބާއްވައިގެން ތުރުކީވިލާތުގެ ކުރުދީ ސަރަހައްދުތަކާއެކު ކުރުދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުންކަމަށެވެ.

މިކަމަށްޓަކައި ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުން ގެންދަނީ ތުރުކީވިލާތުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާޢަތާވެސް ގުޅި، ވިލަރެސްކޮށްގެން ކަމަށް ބޮޒްދާޖް ވިދާޅުވިއެވެ. ބޮޒްދާޖް ވިދާޅުވީ މި ޙަޤީޤަތް އެނގި ހުރެ، ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް އެމެރިކާއިން އެހީތެރިވަމުން ދިޔުމަކީ ތުރުކީވިލާތުން އެމެރިކާއަށް މަޢާފުކުރެވޭވަރަށްވުރެ ޚުތޫރަތްތެރި ކަންތައްތަކެއް ކަމަށެވެ. 

އެމެރިކާގެ އަސްކަރީ އެހީތެރިކަމުގައި ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުން އަތްދަށުލާފައިވާ ސޫރިޔާގެ ސަރަހައްދުތަކަކީ ސޫރިޔާގައި އެންމެ ގިނަ ޢަދަދަކަށް ޤުދުރަތީ މުއްސަނދިކަން ހުރި ސަރަހައްދުތަކެކެވެ. ކުރުދީ ޖާމާޢަތްތަކުގެ ބާރުގެ ދަށުގައިވާ ސޫރިޔާގެ އުތުރާއި އިރުމަތީ ފަޅީގައި ގިނަ ޢަދަދެއްގެ ތެޔޮވަޅުތައް ހިމެނޭއިރު ސޫރިޔާގެ އެންމެ މުއްސަނދި ދަނޑުބިންތައްވެސް އޮންނަނީ އެ ސަރަހައްދުގައެވެ. މީގެއިތުރުން ސޫރިޔާގައި އޮންނަ އެންމެ ބޮޑު ދެ ކޯރުކަމަށްވާ ދިޖްލަތު ކޯރާއި ފުރާތު ކޯރުވެސް އޮންނަނީ ކުރުދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައެވެ. ކުރުދީ ޖަމާޢަތްތަކުން ކޮންޓްރޯލްކުރާ ސޫރިޔާގެ ސަރަހައްދުތަކަކީ ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް ފަންސަވީސް އިންސައްތައެވެ. މި ބިންތައް ކުރުދީން ކޮންޓްރޯލް ކުރަނީ އެމެރިކާގެ އެހީގައެވެ.

ސޫރިޔާގެ ކުރުދީ ޖަމާއަތްތައް ފުނޑުފުނޑުކޮށްލުމަށްޓަކައި ތުރުކީ ސިފައިން ސޫރިޔާގެ ހުޅަނގު އުތުރަށް އެރުމާއެކު އެމެރިކާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ސޫރިޔާއަށް ވަދެގަނެ، ތުރުކީ ސިފައިންނާ ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް އެމެރިކާ ނުގެންގުޅެއެވެ.