މާލޭގެ ހުޅަނގުފަރާތުގައި ތަރައްޤީކުރާ ފުޑްކޯޓްތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކުރުމަށް އެސްޓީއޯއިން ނިންމައިފިއެވެ. އެސްޓީއޯއިން އެ ސަރަޙައްދު ތަރައްޤީކުރަނީ 26 ފުޑްކޯޓް ހިމެނޭ ގޮތަށެވެ. އެ ކުންފުނީގެ އެގްޒެކެޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން ވިދާޅުވީ އެ ސަރަޙައްދުގައި ސިނގިރޭޓް ބުއިން މަނާކުރަން ނިންމީ އެ ސަރަޙައްދަކީ ގިނަޢަދަދަކަށް އާއިލާތަކުން ޒިޔާރަތްކުރާނެ ސަރަހައްދަކަށް ވާނެތީއާއި، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ސިއްޙީގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިމާ ކަމަކަށް ވުމުންކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަޝްވަރާގެ މަތިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުޑް ކޯޓްތައް ކުއްޔަށްދިނުމަށް އެސްޓީއޯއިން މިހާރުވަނީ ހުޅުވާލާފައެވެ. އެސްޓީއޯއިން ބުނީ 29 ފަރާތަކުންވަނީ ފުޑް ކޯޓް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމް ހުށައަޅާފައިވާކަމަށެވެ. ޕަރްވީން ވިދާޅުވީ މިހާރު ކުރަމުންދަނީ ފުޑްކޯޓްތައް ކުއްޔަށްހިފުމަށް ހުށައެޅި ފަރާތްތަކުގެ ފޯމްތައް އިވަލުއޭޓްކުރުމުގެ މަސައްކަތްކަމަށެވެ.
ފުޑް ކޯޓްތައް ތަރައްޤީކުރަނީ ދެ ފިޔަވައްސަަކަށް ބަހާލައިގެންނެވެ. އެއީ އަމީނީމަގު ފިޔަވައްސާއި އިއްޒުއްދީންމަގު ފިޔަވައްސެވެ.
އެސްޓީއޯއިންވަނީ ފުޑްކޯޓްތައް ކުއްޔަށްދޭ އަގުތަށްވެސް ހާމަކޮށްފައިއެވެ. އެގޮތުން މި ސަރަހައްދުގައި ޖުމްލަ 26 ކެފޭ ހިމެނޭއިރު، އަކަފޫޓެއް ކުއްޔަށްދިނުމަށް ނިންމާފައިވަނީ ފަންސާސްތިން ރުފިޔާއަށެވެ. ފުޑްކޯޓްގައި ހިމެނެނީ ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ކެފޭއާއި، ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ އިތުރުން ސޯޅަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ކެފޭތަކެކެވެ. ހައުސިންގ މިިނިސްޓްރީން އެސްޓީއޯއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ފުޑްކޯޓް ހެދުމުގެ މަސައްކަތަކީ 30 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.