ވިޔަފާރި

ބީއެމްއެލުގެ ބުރާންޗެއް ރާއްޖެއިން ބޭރުގައި ހުޅުވަނީ


ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް(ގެ ބުރާންޗެއް ރާއްޖެއިން ބޭރުގައި ހުޅުވުމަށް ނިންމައި އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އެބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

ހީލީ މިހެން ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރެންގެ ބޭންކުގެ ހަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް މީޑިއާ އާ އެކު ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަދައްކަވަމުންނެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން ހުސްވި އަހަރު ނިންމާލާފައިވަނީ މާލީ ގޮތުން ކާމިޔާބު އަހަރެއްގެ ގޮތުގައެވެ.

އެގޮތުން އެއަހަރުގެފަހު ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އެބޭންކަށްވަނީ 350 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރ އާ އަޅާބަލާއިރު  %42 ގެ ކުރިއެރުމެކެވެ. ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތްކުރިއަށްދާތީ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި  ހާމަކޮށްފައެއް ނުވެއެވެ. ހިންގުމުގެ ޚަރަދު ބޮޑުވުމާއި "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން ދެގުނަ އަށް އިތުރުކޮށްފައިވާ އިރުވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރިވަރަށްވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް އެބޭންކުން ލަފާކުރެވެއެވެ. މިދިޔަ އަހަރު ތޭވީސްހާސް އައު ކަސްޓަމަރުންވަނީ ބޭންކް އޮފް މޯލްޑިވްސްއާ ވަނީ ގުޅިފައެވެ.

އަންނަމަހު ހިންގުމަށް ހަމަޖެހިފައިވާ އަހަރެންގެ ބޭންކުގެ ޙަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މީޑިއާ އާ އެކު ބޭއްވި ޚާއްސަ ހަފްލާގައި ސީއީއޯ އެންޑްރޫ ހީލީ ވަނީ ބޭންކަށް ލިބޭ ފައިދާ އަނބުރައި މުޖުތަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ހީލީ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމާއި ބްރާންޗް، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް އަދި ޕޮއިންޓް އޮފް ސޭލްސް މަރޗަންޓުން ހިމެނޭ ބޭންކިންގ ވިޔުގަ އިތުރަށް ފުޅާކުރުމަށް މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަމަށެވެ. އަދި ނިސްބަތުން އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ޚިދުމަތް ފުޅާކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށާއި މުޅި ރާއްޖެ ހިމެނޭ ގޮތަށް މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ދޭ އެންމެ ބޮޑު މިންވަރަކަށް އަމިއްލަ ފަރުދުންނަށާއި، ޢާއިލާތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން މިވަނީ އަޒުމް ކަނޑައަޅާފައިކަމަށް ހީލީ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ޚިދުމަތްފުޅާ ކުރުމާ ގުޅޭގޮތުން ހީލީ ވިދާޅުވީ ރާއްޖެއިން ބޭރަށް ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމަކީ ތަފާތު ގިނަގުނަ ފައިދާ ތަކެއް ލިބި، ރާއްޖޭގައި އިންވެސްޓްކުރުމަށް އިތުރު އާމްދަނީވެސް ލިބޭނެ ކަމެއްކަމަށެވެ. އަދި މިހާރު އެބޭންކުން ތައްޔާރުވަމުން ދަނީ އޭޝިއާގެ ޤައުމެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް ހޯދުމުގެ މަސައްކަތްކަމަށް ހީލީ ވިދާޅުވިއެވެ. އަދި އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ޚިދުމަތް ދޭން ފެށުން ކަމަށްވެސް ހީލީ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް މެދުވެރިކޮށް ބީއެމްއެލުން އަންނީ ޒަމާނީ ފެންވަރުގެ ބޭންކިންގް ޚިދުމަތެއް ދެމުންނެވެ.