ޚަބަރު

ޙައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ދެ މަސްތެރޭ އިއުލާން ކުރާނެ


ރާއްޖެއިން މި އަހަރު ޙައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ކަނޑައަޅާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖެއިން ޙައްޖައް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް ޙައްޖުވެރިންގެ ހައްޤުތަށް ހިމާޔަތްކޮށް ރައްކާތެރިކުރުވުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓަރ ޒިޔާދު ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމުގެ އުސޫލަށް މި އަހަރު ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށެވެ. އަދި މި ބަދަލުތަކާއި އެކު އާ އުސޫލް ކުރިއަށް ދެފަހްތާއެއްގެ ތެރޭގައި އާއްމުކުރައްވާނެކަމަށްވެސް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. އުސޫލަށް ގެންނަ ބަދަލުތަކާއެކު މިއަހަރު ޙައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައަޅާނީ ބިޑް އުސޫލުންކަމަށްވެސް އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދު ވިދާޅުވިއެވެ. 

" ސައުދީ ސަރުކާރުން ޢިއުލާނުކޮށްފައި އެވަނީ ކުރިއަށް އޮތް ޝައުބާން މަސް ނިމުމުގެ ކުރިން ޙައްޖާއި ގުޅޭ މިފަދަ ހުރިހާކަމެއްް ނިންމަން. އެހެންވީމަ އަޅުގަނޑުމެންވެސް އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ކުރިއަށް އޮތް ދޮޅުމަސް ދުވަސްތެރޭ ޙައްޖު ގްރޫޕްތައް ފައިނަލް ކުރާނަން." މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

ސަޢުދީ ސަރުކާރުން  އިތުރަށް ދިން ކޯޓާއާއެކު ޖުމްލަ 1300 މީހުން މިިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔައެވެ. ރާއްޖެއިން މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާއި އެކު އަމިއްލަ ފަސް ޖަމާއަތަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވެއެވެ. ޙައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ސަރުކާރުން ނުދޭ ބައެއް ގްރޫތަކުންވެސް މީހުން އަތުން ފައިސާ ނަގާކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި އެކަމަށް އެންމެހާ ދިވެހިން ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވާފައެވެ.