ތަޢުލީމު

އޭލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާ ދޫކުރަން ފަށައިފި


މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ، މިދިޔަ ނޮވެމްބަރ މަހު ބޭއްވި އޭ ލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ވަގުތީ ނަތީޖާ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސްކޫލެއް ނުވަތަ ސެންޓަރަކުން ދޫކުރާނެކަމަށެވެ. 

ނަތިޖާ ސްލިޕާއި ހަވާލުވާން ކެންޑިޓޭޓުގެ ބަދަލުގައި އިތުރު މީހަކު ފޮނުވާނަމަ، އެ ކެންޑިޓޭޓެއްގެ އައި.ޑީ ކާޑާއި ނަތީޖާ ސްލިޕާއި ހަވާލުވާން ދާ މީހާގެ އައި.ޑީ ކާޑު ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިލްތިމާސްކުރެއެވެ. އަދި ނަތީޖާއާމެދު އެއްވެސް ކަންބޮޑުވުމެއް ނުވަތަ އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް އޮތްނަމަ، އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށް އެކަމެއް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި އޭ ލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގައި ދެ ހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.