ކުޅިވަރު

ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފި


ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފިއެވެ.

ފީފާ ވަރލްޑްކަޕް ޓްރޮފީ ޓުއަރގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ޓްރޮފީއާއެކު ޓުއަރއަށް ޚާއްޞަ މަތިންދާ ބޯޓް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގައި ޖެއްސީ މިރޭ އިރުއޮސި 6:02 ގައެވެ. ވަރލްޑްކަޕް ޓްރޮފީއާއެކު ރާއްޖެ އައީ 1998 ވަނަ އަހަރު ފްރާންސާއެކު ވަރލްޑްކަޕް އުފުލާލި ކްރިސްޓިއަން ކަރެމްބެއުއެވެ. މިރޭ ރަސްމީ ސްޓޭޑިއަމްގައި ތަށި ދިވެހި ރައްޔިތުންނަށް ދައްކާލުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ އަތްޕުޅަށް ޓްރޮފީ އަރުވާނީވެސް އޭނާއެވެ.

img:http://s4.psmnews.mv/images/660x400/15168066304317.jpg|

ކޮލަމްބޯއިން ފުރައިގެން ޓްރޮފީ ރާއްޖެ ގެނައުމަށް ކުރި ޚާއްޞަ ދަތުރުގައި އޭއެފްސީގެ މާކެޓިންގ ކޮމިޓީގެ މެމްބަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީލް ޚަލީލް ޓްރޮފީއާއެކު ޚާއްޞަ މަތިންދާ ބޯޓްގައި ރާއްޖެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ޕީއެސްއެމް ސްޕޯރޓްސްގެ ޖަރނަލިސްޓް އިސްމާއީލް އަޒްމީންވެސް މިދަތުރު ކަވަރު ކުރުމަށް ޓްރޮފީއާއެކު ކޮލަމްބޯއިން ރާޖެއައެެވެ. 

img:http://s1.psmnews.mv/images/660x400/15168066499602.jpg|

މިރޭ ބާއްވާ ރަސްމިއްޔާތަށްފަހު ޓްރޮފީއާއެކު ފޮޓޯ ނެގުން އޮންނާނީ މާދަމާ ހެނދުނު 8 ން ހަވީރު 5 އަށް މާފަންނު ޓާރފް ދަނޑުގައެވެ. ފޮޓޯ ނަގަން ދިއުމަށް ކަނޑައެޅިފައިވާ ވަގުތު ޓިކެޓްގައި ވާނެއެވެ. ފޮޓޯ ނެގޭނީ އެކަމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެ، ޓިކެޓް ލިބުނު ފަރާތްތަކަށެވެ. 

ވަރލްޑްކަޕް ތްރޮފީ ރާއްޖެ ގެނައުމާއި ގުޅިގެން ޕީއެސްއެމްއިން ގެނެސްދެމުންދާ ޚާއްޞަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ކޯޗު އަލީ ސުޒޭން ބުނީ މިއީ އުއްމީދުވެސް ނުކުރާ ވަރަށް ޚާއްޞަ އުފާވެރި ވަގުތެއް ކަމަށެވެ. އަދި ތަށްޓާއެކު ފޮޓޯ ނަގަން ލިބޭ ފުރުޞަތަކީ ދޫކޮށްލަން ނުވާވަރުގެ އަގުހުރި ފުރުޞަތެއްކަމަށެވެ. މިއީ އެތައް ޒަމާނަކަށް ރައްކާކުރެވޭ އަގުހުރި ފޮޓޯއަކަށް ވާނެކަމަށް ކާމިޔާބު ކޯޗު ބުންޏެވެ.

މިޓްރޮފީ ރާއްޖެ ގެނެވުނީ ސަރުކާރުންނާއި، އެފްއޭއެމްއިން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކޮކާކޯލާއާއި ގުޅިގެންނެވެ.