ޚަބަރު

131 ކައުންސިލަކުން އަހަރީ ރިޕޯޓް ކުށައަޅައިފި


ފާއިތުވި އަހަރު ލޯކަލް ކައުންސިލްތަކުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައަޅާ އަހަރީ ރިޕޯޓް 131 ކައުންސިލަކުން ކުށައަޅައިފިއެވެ. 

މި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެދަށުން ހިންގުމުގެ ޤާނޫނުގެދަށުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރަށު ކައުންސިލްތަކުން އަތޮޅުކައުންސިލަށް، އަދި ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 20ވަނަ ދުވަހުގެ ކުރިން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ހުށައެޅުމަށް ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ. 

އަހަރީ ރިޕޯޓް ހުށައަޅަންޖެހޭ މުއްދަތު ފާއިތުވެފައިވާއިރު ރިޕޯޓް ހުށައަޅާފައިވަނީ 3ސިޓީ ކައުންސިލްގެ ތެރެއިން 2 ސިޓީ ކައުންސިލުންނާއި، 18 އަތޮޅު ކައުންސިލްގެ ތެރެއިން 15 އަތޮޅު ކައުންސިލާއި، 181 ރަށު ކައުންސިލްގެ ތެރެއިން 114 ރަށު ކައުންސިލުންނެވެ. 

މި ރިޕޯޓަކީ ކައުންސިލުންނާއި، ކައުންސިލާއި ރައްޔިތުން ގުޅިގެން ރަށުގެ ތަރަށްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ކޮށްފައިވާ އިޖްތިމާޢީ މަސައްކަތް ހިމެނޭގޮތަށް ތައްޔާރުކޮށް ހުށައަޅާ ރިޕޯޓެކެވެ. 

ލޯކަލް ގަވަރންމަންޓް އޮތޯރިޓީންވަނީ އަހަރީ ރިޕޯޓް ހުށައެޅި ކައުންސިލްތަކުގެ ލިސްޓް ޢާއްމުކޮށްފައެވެ. 

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޢާދަމް ޝަރީފް ވިދާޅުވީ މި މަސައްކަތަކީ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ގާތުން މޮނިޓަރކޮށް، ކައުންސިލްތައް ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި ރިޕޯޓް ހުށައެޅުމުގެ ވަގުތު ހަމަވެފައިވީ ނަމަވެސް ރިޕޯޓް ހުށަަނާޅާ ކައުންސިލްތަކުން ރިޕޯޓް ތައްޔާރުކޮށް ހުށައެޅުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ކައުންސިލްތަކާއިމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ކައުންސިލްތަކުން ރިޕޯޓް ހުށައެޅުމަށް ބާރުއަޅައި، ރިޕޯޓް ހުށަނާޅާ ސަބަބުތައް ދެނެގަނެ، އެކަމުުގައި ފަންނީ އެހީތެރިކަން އެލްޖީއޭގެ ފަރާތުން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.