ތިމާވެށި

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅުއަޅަނީ


މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ. މާލެއަކީ ސާފު ދުޅަހެޔޮ ތަނަކަށް ހެދުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮންމެ މީހަކީވެސް އެމީހަކު ދިރިއުޅޭ ތަން ސާފުތާހިރު ތަނަކަށް ހަދަން ބޭނުންވާނެ މީހެކެވެ. ތިމާގެ އަމިއްލަ ގޯތި ތެރެެ ސާފުކޮށް ބާއްވަން ކޮންމެ މީހަކުވެސް މަސައްކަތްކުރާއިރު ތިމާއާއި ތިމާގެ އައިލާވެސް ހިނގާ ބިނގާވެ އުޅޭ މަގުތަކަށް ކުނި އެޅުމަކީ މިއަދު އާންމުވެފައިވާކަމެެކެވެ. އަގަމަތި ފޮހެލާ ޓިޝޫ ބޮއެ ހުސްކުރާ ދަޅު ނުވަތަ ޕެކެޓް ފަދަ ތަކެތި މަގުމައްޗަށް އެއްލާލަނީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ގަދަޔަށް ދުފާލުމަށްފަހު އުފެދޭ ރަތްކުޅު ގަނޑުތަކުން އެތައް މަގުތަކަކާއި ފާރުތަކުންވެސް ފެންނަނީ މަދެއްކޮށެއް ނޫނެނެވެ. 

ބައިސްކަލުތަކުގެ އެއްފަރާތުގައި އެތައް ކުންޏެއް އެލުވައިގެން މަގުތަކުގައި ދަމަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުމުގެ އެންމެ ބޮޑުއެއް ބޭނުމަކީ މާލޭގެ މަގުތައް ސާފުތާހިރު ރައްކާތެރިތަނަކަށް ހެދުމެވެ. ވެމްކޯއިން ފެށި މަސައްކަތާއި އެކު މާލޭ މަގުތަކުގައި މި ދެންނެވި މަންޒަރުތައް ފެނުނު ހުއްޓުނުނަމަވެސް އަދިވެސް މަގުތަކުގައި ކުނި ބަހައްޓާ ނުވަތަ ކުނި އަޅަމުން އަންނަ މީހުން މަދުން ނަމަވެސް އަންނަނީ ފެންނަމުންނެވެ. 

img:http://s3.psmnews.mv/images/660x400/14629011256774.jpg|މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި - ފައިލް ފޮޓޯ: ޕީއެސްއެމް

މަގުތަކުގައި ކުނި ބަހައްޓާ ބައެއް ފަރާތްތަކުގެ ޝަކުވާއަކަށް ވެފައިވަނީ ކުނި އުކާލުމުގެ ހިދުމަތް ދޭ ވެމްކޯއިން ގަވައިދުން ކުނި ބަލާ ނައުމެވެ. ވެމްކޯއިން ބުނަމުން އަންނަނީ ކުނި އުކާލުމުގައި ބައެއް މައްސަލަތައް ހުރުމުން އެކަންކަމަށް ހައްލު ގެނައުމަށް އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުންދާ ވާހަކައެވެ. އެ ގޮތުން ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވާރަތައްކުރަމުންދާއިރު ތަފާތު އާ ހިދުމަތްތައްވެސް ވެމްކޯއިން ދަނީ ތައާރަފްކުރަމުންނެވެ. އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ވެމްކޯއަށް ދިމާވެފައިވާ މައްސަލަައް ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެހެންނަމަވެސް މަގުތައް ގޮނޑުވުމަށް ފުރުސަތު ނުދެއްވާނެކަމަށާއި މަގުތަކަށް ކުނިއަޅާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ދާއިރާތަކާއި ގުޅިގެން ކުރަމުން ގެންދާކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14629011479952.jpg|މާލޭ މަގުތަކުގައި ކުނި - ފައިލް ފޮޓޯ: ޕީއެސްއެމް

"ކުނިއަޅާ މީހުނަށް އަދަބުތައްވެސްލިބިގެންދާނެ. ޖޫރިމަނާތަށްވެސް ކުރެވޭނެ. އެކަމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. މިމަސައްކަތުގަ މިނިސްޓްރީއާއި ގުޅިގެން ޕޮލިހުންނާއި ހެލްތް ސަރވިސަސްގެ ބޭފުޅުންދަނީ މަސައްކަތްކުރަމުން."

ދެހާސް ދިވަނަ އަހަރު އަމަލުކުރަން ފެށި ޢާންމު އިޖްތިމާއި މިންގަޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ވާ ގޮތުން މަގުތަކަށް ކުނި އަޅާ މަގުތައް ހަޑިކުރާ ފަރާތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރުު ލިބިދީފައިއެވެ. މާލޭ ގޭބިސީތަކުގައި އުފެދޭ ކުނިތައް އުކާލުމުގެ މަސައްކަތްތައް ވެމްކޯއިން ފެށިތާ 2 އަހަރުވެފައިވާއިރު އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމަށް އެ ކޯޕަރޭޝަނުންވެސް ގެންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ތިމާއާއި ތިމާގެ އާއިލާ މީހުންވެސް ބޭނުންކުރަންޖެހޭ މަގުތަކަށް ކުނި އެޅުމަކީ އެންމެ ރަގަޅުގޮތޯ އަމިއްލަ ނަފްސާވެސް މިއަދު ސުވާލުކޮށްލަންޖެހެއެވެ.