ޚަބަރު

މި އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ 15 ގްރޫޕަކަށް


މި އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެކު އިތުރު 14 ކުންފުންޏަކަށް ދީފިއެވެ. އުމްރާއަށް މީހުން ގެންދިޔުމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 19 ގްރޫޕަކުން ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން ދެ ގްރޫޕެެއްގެ ޝަރުތު ހަމަނުވާއިރު އަނެއް ތިން ގްރޫޕްގެ މައްސަލަތަކެއް މިނިސްޓްރީން ބަލަމުން ގެންދާތީ އެ ގްރޫޕްތަކާއި މެދު ވަކި ގޮތެއް ނިންމާނީ އަންނަ ހަފްތާގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މިއަހަރު މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަކީ

1- އަލްޙަރްމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

2- ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

3-  ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް

4-  އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް

5- އަލްޢައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް

6- މުސާފިރީން ޕްރައިވެޓް ލިމިޓެޑް

7- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް

8- އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

9- ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

10- ދަރުމަ ލިލްޙައްޖި ވަލް ޢުމްރަތި ޕްރައިވެޓް ލިމިޓެޑް

11- ނަވާ ޙާއްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް

12- ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

13- ޙިޖާޒް ޕްރައިވެޓް ލިމިޓެޑް

14- ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަށްދާ ދިވެހިންގެ ކަންކަން އެހެން އަހަރުތަކަށްވުރެ ހަރުދަނާކޮށް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އޭގެތެރެއިން ގިނަ ކަންކަން މިހާރު ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ގްރޫޕްތަކަށް ދިނީ ބިޑްކޮށްގެންކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން ގްރޫޕްތަކުން ކުރާ މަސައްކަތްތައް ބަލާ މޮނީޓަރ ކުރުން ހަރުދަނާވެގެންދާނެކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. މީހުން އުމްރާއަށް ގެންދިޔުމުގައި އިހްމާލުވާ ފަރާތްތަކާއި މެދު އާ އުސޫލުގެ ދަށުން ހަރުކަށި ފިޔަވަޅުތައް އަޅާނެކަން މިނިސްޓަރ ޒިޔާދު ފާހަގަކުރެއްވިއެވެ.

"މިދިޔަ ޑިސެމްބަރު މަހު ޢުމްރާއަށް މީހުން ގެން ދިޔަ ދެ ގްރޫޕްގެ ދެމީހަކަށް ދިމާވި ކަންކަމުގެ ވާހަކައަށް ބަލާއިރު، އުމުރުން ދުވަސްވީ ދެބޭފުޅުން މައްކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރަން ޖެހުނު. ނަމަވެސް މިކަން ސަރުކާރަށް އެނގުނީ ޖެނުއަރީ މަސްތެރޭގައި. މިގޮތަށްވީ ގްރޫޕްތަކުން މިކަމުގެ ފުރިހަމަ ޒިންމާ ނުއުފުލުމުން ދިމާވި މައްސަލައެއް. ސަރުކާރާއި ސައުދީގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އެދެބޭފުޅުން މާލެ ގެނެވުނީ މިއަދު" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. 

އުމްރާ މީހުން ގެންދިޔުމުގެ ހުއްދަ ނުދޭ ބައެއް ގްރޫތަކުންވެސް މީހުން އަތުން ފައިސާ ނަގާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޒިޔާދު ވަނީ އުމްރާއަށް ދާ ބޭނުންވާ ފަރާތްތަކުން ސަރުކާރުން އެކުލަވާލާފައިވާ އުސޫލްތަކުގެ ތެރެއިން ކަންކަން ހަމަޖެއްސުމަށް އިލްތިމާސްކުރައްވާފައެވެ.

" ޙައްޖު ކޯޕްރޭޝަނާއެކު 14 ގްރޫޕަކަށް އަޅުގަނޑުމެން މިވަނީ ހުއްދަ ދީފައި. އެހެންވީމަ އެގްރޫޕްތައް ބައްލަވައިގެން، ކުރިއަށްއޮތް ދުވަސްތަކުގައި އުމްރާއަށް ވަޑައިގަންނަވާއިރު، ހުރިހާ ބޭފުޅުންވެސް ރައްކާތެރިވެ، ސަރުކާރުން ހުއްދަދެއްވާފައިވާ ގްރޫޕްތަކަށް ފައިސާ ދެއްކުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ގްރޫޕްތަކަށް ދޫކޮށްފައިވާއިރު ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން މީހުން ގެންދިއުމުގެ ކަންކަން ހަރުދަނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކަމާއި ގުޅޭ ދާއިރާތަކާއި އެކު ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.