ޚަބަރު

ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކޮށްފި


ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ހުސްވެފައިވާ ބައެއް މަޤާމުތަކަށް މީހުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ދިރާގާއި އެޗްޑީސީއާއި އެމްޕީއެލްއާއި އެމްއޭސީއެލް، ޙައްޖު ކޯޕަރޭޝަންގެ އިތުރުން އެސްޓީއޯ ބޯޑަށް މެމްބަރުން އައްޔަންކޮށްފައިވާކަމަށެވެ.

ދިރާގުގެ ބޯޑަށް އައްޔަންކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ނައިބު އަޙުމަދު ޙާފިޒެވެ. ޙާފިޒު އެ ބޯޑަށް އައްޔަން ކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ދިރާގުގެ ބޯޑަށް ޙާފިޒު އައްޔަންކުރީ، އެ ކުންފުނީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ކުރިން ހުރި އަޙުމަދު މުޙައްމަދު މިދިޔަ އޮގަސްޓް މަހު އެ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބޯޑުގެ ޗެއާރމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ މ. ކަނަމަނަ މުހައްމަދު ޝާހިދުއެވެ. އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ޝާހިދު އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުރި ފުއާދު ޤާސިމް ވަކިކުރެއްވުމަށް ފަހުގައެވެ. ފުއާދު އެމަގާމުން ވަކިކުރީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ހުސްވެފައިވާ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ގ. ހުދުރުވާ، އިދުރީސް އިސްމާއިލެވެ. އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުރި ޔާމީން އިދްރީސް މިދިޔަ ހަފުތާގެ ތެރޭގައި އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.ޕްރައިވެޓައިޒޭޝަން ބޯޑުންވަނީ ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމަށްވެސް މެމްބަރަކު އައްޔަންކޮށްފައެވެ. އެ ކޯޕަރޭޝަންގެ ބޯޑުގެ ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ. ފޭދޫ ދިއްގާގަސްދޮށުގޭ ހުސެއިން ސައީދު މުހައްމަދުއެވެ. 

މީގެ އިތުރުން އެމްޕީއެލްގެ ބޯޑަށް އައިޝަތު ރަޔާން ޝަރީފާއި، އެސްޓީއޯ ބޯޑަށް މަރިޔަމް ޒާހިޔާ އަދި އެމްއޭސީއެލް ބޯޑަށް އަޙުމަދު ޝަރީފް އަބްދުލްރަޙްމާން ޔޫސުފެވެސް ވަނީ އައްޔަންކޮށްފައެވެ.