ކުޅިވަރު

ކާމިޔާބު 8 އަހަރަށްފަހު މަޝެރާނޯ ބާސެލޯނާއިން ވަކިވަނީ


ވަރަށް ކާމިޔާބު 8 އަހަރު ހޭދަ ކުރުމަށްފަހު ބާސެލޯނާގެ ޖާޒީ ބާލަން އާޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝެރާނޯ ނިންމައިފިއެވެ.

ލިވަޕޫލުގައި ހުރެފައި މަޝެރާނޯ ބާސެލޯނާ އަށް ބަދަލުވީ 2010 ވަނަ އަހަރު 17 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ބާސެލޯނާ އަށް ކުޅުނު 8 އަހަރު ތެރޭގައި 18 ތަށި ހޯދާފައެވެ. މީގެ ތެރޭގައި ލަލީގާ ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ކުލަބު ވޯލްޑް ކަޕް ދެ ފަހަރު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ބާސެލޯނާ އަށް ކުޅެދިން 334 މެޗުގައި އޭނާ ޖަހާފައިވަނީ އެންމެ ގޯލެކެވެ. މަޝެރޭނޯ ބާސެލޯނާ ދޫކޮށްލަން ނިންމީ އޭނާގެ އުމުރުން ދުވަސްވެ، ކުލަބުގެ ފުރަތަމަ 11 ން ޖާގަ ލިބުމަށް ދަތިވުމުންނެވެ. މި ސީޒަން ފެށުމުގެ ކުރިން ވެސް ކުލަބު ދޫކޮށްލަން ބޭނުންވެފައި ހުރި ކުޅުންތެރިޔާ މިހާތަނަށް ކުލަބުގައި މަޑުކުރީ ބާސެލޯނާ އަށް ރަނގަޅު ޑިފެންޑަރެއް ލިބެންދެން މަޑުކޮށްދިނުމަށް ކުލަބުން ބޭނުންވުމުންނެވެ.

ބާސެލޯނާއަށް މަޝެރާނޯ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާސެލޯނާއިން ނިންމާފައިއޮތީ މަޝެރާނޯ ވިއްކާނުލުމަށެވެ. މި ގޮތުން މި ސީޒަން ނިމުމުން ފްރީ ޓްރާންސްފާއެއްގައި އޭނާ ބޭނުން ކުލަބަކަށް ދެވޭގޮތަށެވެ. ނަމަވެސް މި އަށްވުރެ އަވަހަށް ޗައިނާ ލީގަށް ބަދަލުވާން އޭނާ ބޭނުންވީ ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.