ކުޅިވަރު

މާލޭގައި ޓީސީ ބަލިކުރެވޭނެ - ސައިފް


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި އަންނަ ހަފުތާގައި މާލޭގައި ކުޅޭ މެޗުން ޓީސީ ބަލިކޮށް، ޕްލޭއޯފަށް ކޮލިފައިވެވޭނެ ކަމަށް ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސްއިން ބުނެފިއެވެ.

 އެޓީމުގެ ކޯޗު ރަޔަން ނޯތްމޯ މިހެން ބުނީ ބަނގްލަދޭޝްގައި އިއްޔެ ކުޅުނު މެޗުން 1-0އިން ބަލިވެފައިވަނިކޮށެވެ. މިހެންވެ މި މެޗު އެއްވަރުކޮށްގެން ވެސް މުބާރާތުގެ ޕްލޭއޯފްގެ ޖާގަ ލިބޭނީ ޓީސީ އަށެވެ. ސައިފް ސްޕޯޓްސް އަށް އަނެއް ބުރަށް ދެވޭނީ ދެ ލަނޑުން ޓީސީ ބަލިކޮށްގެންނެވެ.

އެ ޓީމުގެ ކޯޗު ނޯތްމޯ ބުނީ އަމިއްލަ ދަނޑުގައި ޓީސީ ބަލިނުކުރެވުނު ނަމަވެސް މާލޭގައި ޓީސީ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އޮތީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް އޭނާގެ ޓީމަށް ލިބިފައިވާތީ ކަމަށެވެ.

"ވަރަށް ރަނގަޅަށް ކުޅެ ނަސީބު އެހީނުވެގެން އަހަރުމެން ބަލިވީ. ދެ ފަހަރު ދަނޑީގައި ވެސް ޖެހި. ފަހު 15 މިނިޓް ތެރޭގައި އަހަރުމެންނަށް ހަ ފުރުސަތު ލިބުނު ގޯލު ޖަހަން. މިހުރިހާ ކަމަކަށްބަލާއިރު މާލޭގައި މޮޅުވެވޭނެ ކަމުގެ ފުރިހަމަ ޔަގީނަކަން އެބައޮތް،" ކޯޗު ބުންޏެވެ.

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ އިދިކޮޅު ޓީމު ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ނަމަވެސް އެންމެ މުހިންމީ މެޗުން މޮޅުވުން ކަމަށާއި އެކަން ކުރެވިގެން މާލެ ދެވޭގޮތްވުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.