އައްޑޫ ސިޓީގައި އުފައްދާ ކާބޯތަކެއްޗާއި ކާނާގެ ބާވަތްތަށް ބަންދުކުރުމަށް ހަދާފައިވާ ޕެކޭޖިންގ ސެންޓަރ ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެެވެ.
އެގޮތުން ޕެކޭޖިންގ ސެންޓަރ މެނޭޖްކުރާނެ ފަރާތެއް ހޯދުމަަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ޕެކޭޖިންގ ސެންޓަރ ހިންގާނެ ފަރާތެއް ކަނޑައަޅާތާ ދެމަސް ދުވަސްތެރޭ ސެންޓަރުގެ ޙިދުމަތް ދޭން ފެށޭނެ ކަމަށެވެ. ތާޒާ އަދި ޕްރޮސެސް ކޮށްފައިވާ ކާބޯތަކެތި ބަންދުކުރުމަށް ހަދާފައިވާ ޕެކޭޖިންގ ސެންޓަރ އޮޕަރޭޓްކުރަން ބޭނުންވާ ބައެއް މެޝިނަރީވެސް މިހާރު ހޯދާފައިވާ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ޕެކޭޖިންގ ސެންޓަރ ހިންގާނެ ބަޔަކު މިހާރު ހަމަޖައްސާފައިވާއިރު އެތަނުގެ ޙިދުމަތް ދެމަސްދުވަސްތެރޭ ދޭން ފަށާނެކަމަށް އެ މިނިސްޓްރީން ހާމަކުރެއެެވެ.
ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރިއާއި އެކިއެކި ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް އަންނަނީ އިތުރުވެ ތަރައްޤީވަމުންނެވެ. މިވިޔަފާރިތައް މާކެޓް ކުރުމުގެ އިތުރު ފުރުސަތުތައް ލިބެންއޮތީ އުފައްދާ ތަކެތި، ރަނގަޅު ފެންވަރަކަށް ބަންދުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ކުޅުއްދުއްފުއްޓާ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޕެކޭޖިންގ ސެންޓަރަކީ ވިޔަފާރިތަކަށް މާކެޓު ހޯދައިދީ ވިޔަފާރިތައް އިތުރަށް ތަރައްޤީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.