ޚަބަރު

އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތްތައް ހުޅުވަން ފަށަނީ


ރާއްޖޭގެ އެކި ރަށްރަށުގައި ޢިމާރާތްކޮށް ނިމިފައިވާ މިސްކިތްތައް އަންނަ ހަފްތާއިން ފެށިގެން ހުޅުވަން ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މުޅީން އަލަށް ރަށްރަށުގައި ބިނާ ކުރާ މިސްކިތްތަކުގެ ތެރެއިން މަސައްކަތް ނިމި ނަމާދުކުރެވޭ ވަރަށް ތައްޔާރުވެފައިވާ 10 ވަރަކަށް މިސްކިތް މިހާރުވެސް އެބަހުރިކަމަށެވެ. މީގެ ތެރޭގައި ގދ. އަތޮޅާއި، އަރިއަތޮޅާއި، ބ. ނ. ށ. އަދި މ. އަތޮޅުގެ ރަށްތައް ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ބައެއް ރަށްރަށުގެ މިސްކިތްތައް ނިމި ނަމާދުކުރަން ހުއްދަވެސް ދީފައިވާކަމަށާއި، ކުދިކުދި މަސައްކަތްތައް ނިންމަންޖެހޭ މިސްކިތްތައް ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި އެފަދަ މިސްކިތްތަކުގެ މަސައްކަތްނިމި ހުޅުވޭވަރުވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މާލޭގައި މިހާރު 3 މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމިސްކިތްތަކުގެ މަސައްކަތްވެސް ތާވަލް ކޮށްފައިވާގޮތަށް އަންނަ ރަމަޟާން މަހަށް އެއިން ކޮންމެވެސް އެއް މިސްކިތުގައި ނަމާދުކުރެވޭވަރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ޙަރިއްމަތެރެއިން ޤަބުރު ފެނިގެން ބަންދުކޮށް މިހާރު މަރާމާތުކޮށް ނިމިފައިވާ ބިހުރޯޒު ކަމަނާ މިސްކިތް ކުރިއަށް އޮތް ދެތިން ދުވަހުގެތެރޭގައި ހުޅުވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.