ހުޅުމާލޭގައި ޤާއިމްކުރާ 1.5 މެގަ ވޮޓުގެ ސޯލާރ ޕެނަލް ޖެހުމުގެ މަޝްރޫޢު އަންނަ މަހު ނިމޭނެކަމަށް އެންވަޔަރަންމެންޓް މިނިސްޓަރީން ބުނެފިއެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްވަނީ ޒިޔާރަތްކުރައްވާފައެވެ.
ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދއިރާ ފުޅާކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިންގަމުންދާ އެކި މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލޭ ސޯޝަލް ހައުސިންގ ޔުނިޓުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާ 1.5 މެގަ ވޯޓުގެ ސޯލާރ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަސްތެރޭ ނިންމާލެވޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ ހުޅުމާލެއަށް މިހަރު ކަރަންޓު ބޭނުންވާ މިންވަރާ އަޅައި ބަލާއިރު މިޢަދަދަކީ ކުޑަ މިންވަރެއް ނަމަވެސް މިއީ ފެށުމެއްކަމަށެވެ.
މަތީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އެއްހާސް ހައުސިންގ ޔުނިޓުގައި ހަރުކުރާ ޕެނަލްތަކުގެ މަސައްކަތް ނިމުމާއެކު މީގެ އިތުރު ޕްރޮޖެކްޓެއްގެ ދަށުން އިތުރު ސޯޝަލް ހައުސިންގ ޔުނިޓުތަކުގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.
" ހަމައެކަނި %30 އިން ނިންމާލަނީއެއް ނޫން. އެންމެ އެކަށީގެންވާ މިންވަރަށް ވާސިލުވުމަށް މަސައްކަތްތަކެއް އެބަކުރެވޭ. އެގޮތުން ބައެއް ރަށްރަށުގައި މިހާރުވެސް %70 އާ ހަމައަށް ޖަހައި ތަޖުރިބާކުރެވިފައި ވަނީ. މިއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެ. އިޢާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ބޭނުންކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުންވަނީ ވަރަށް ބޮޑު މަޝްރޫޢެއް ފަށާފައި. މިމަޝްރޫޢަށް ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ. 2 ބިލިއަން ޚަރަދު ކުރެވޭއިރު އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 30 އިންސައްތަ ކަރަންޓު އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުން." މަތީން ވިދާޅުވިއެވެ.
ވޯލްޑް ބޭންކްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހުޅުމާލޭ ރިނިއަބަލް އެނަރޖީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ދުވާލުގެ ވަގުތުގައި ބޭނުންކުރާ ކަރަންޓުގެ %30 އިޢާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުންވަނީ ބިޔަ މަޝްރޫޢުއެއް ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން ހުޅުމާލޭ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ އިތުރުން އަމިއްލަ ގެތަކުގެ ޓެރަހުގައި ޕެނަލް ހަރުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ސަރުކާރުންވަނީ ހުޅުވާލާފައެވެ. މިމަޝްރޫޢުއާ ގުޅޭ ބޮޑެތި މަސައްކަތްތައް ޕޮލިސީ ލެވެލްގައި ކުރެވެމުންދާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.