ދީނާއި އަޅުކަން

ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް އަނބިންނަށް އޯގާވެރިވާންޖެހޭ


އަނބިންނަށް މުއާމަލާތްކުރާއިރު، މާތްވެގެންވާ އިސްލާމްދީން އަންގަވަނީ އެކަނބަލުންނަށް އޯގާތެރިކަމާއި މަޑުމައިތިރިކަމާއި އެކު މުއާމަލާތްކުރަން ކަމަށާއި، އިސްލާމްދީނުގައި އަނބިފިރިކަމުގައި ވަރަށް މަތިވެރި ހާއްސަ އުސޫލްތަކެއް ކަނޑައަޅުއްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

އަނބިމީހާގެ ނުރުހުގައި ޖިންސީގުޅުން ހިންގުމަކީ ރޭޕްކުރުން ނޫންކަމަށް ދީނީ އިލްމްވެރިއަކު ވިދާޅުވުމާއި ގުޅިގެން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވަނީ ވަރަށް މަތިވެރި ޤަދަރެއްކަމަށާއި، ހާއްސަގޮތެއްގައި އިސްލާމްދީނުގައި އަނބިފިރިކަމުގެ ގުޅުމަކީ ވަރަށް މަތިވެރި ގުޅުމެއްކަމަށެވެ.

ޑރ ޒިޔާދު ވިދާޅުވީ، އަނބިންނަށް ހެޔޮކޮށްހިތުމުގައި އަމަލުކުރަންވީގޮތް މިއުއްމަތުގެ ނަބިއްޔާގެ ދިރިއުޅުމުން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށެވެ. މިގޮތުން ދުވަހަކުވެސް އެކަލޭގެފާނުގެ ހަޔާތްޕުޅުން އަނބިންނަށް މުއާމަލާތްކުރުމުގައި ހަރުކަށިގޮތެއް އަނިޔާވެރިގޮތެއް ފެނިފައިނުވާކަމަށެވެ.

" އެކަލޭގެފާނުގެ އެންމެ ފަހުގެ ވަސިއްޔަތްޕުޅަކީ ކޮބައިތޯ؟ އަނބިންނަށް ހެޔޮކޮށް ހިތާށޭ އަންހެނުންނަށް ހެޔޮކޮށް ހިތާށޭ. ހައްޖަތުލް ވަދާއުގަ އެކަލޭގެފާނު ހުތުބާގައި އެންމެ ފަހު ވަސިއްޔަތްތަކުގެ ތެރޭގައި ވަސިއްޔަތަކީ މިއީ، އަންހެނުންނަށް ހެޔޮކޮށް ހިތާށޭ، އޯގާތެރިވާށޭ އަދި ކަމޭހިތާށޭ. މިއީ އިސްލާމީ ޝަރީއަތުގައި އައިސްފައިވާ ކުރު ޚުލާސާއަކީ" އަންހެނުންނަށް ހެޔޮކޮށް ހިތުމުގެ މުހިއްމުކަމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވަނީ، ދިރިއުޅުމުގެ ހުރިހާ ހާލަތެއްގައިވެސް އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ކަމަށެވެ. އަނބިފިރިކަމުގެ ގުޅުމުގައި ވަރަށް ހާއްސަ ގޮތްތަކެއް އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާއިރު، ރިވެތިގޮތުގައި އެކަންކަމުގައި ހިފަހައްޓަން ޖެހޭކަން މިނިސްޓަރު ވިދާޅުވިއެވެ.