ޗައިނާގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގެ އެއްވެސް ރަށެއް ސަރުކާރުން ދީފައިނުވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތަކެއް ޗއިނާއަށް ދީފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވާ މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ ރާއްޖެއާ އަވައްޓެރި ޤައުމުތަކާމެދު ނުތަނަވަސްކަން އުފެއްދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތްކުރައްވަމުންކަމަށެވެ. މިގޮތުން ލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރަށްތަކެއް ޗައިނާއަށް ދީފައިވާކަމަށް ވިދާޅުވެ ނަޝީދު ދައްކަވާފައިވަނީ އެއްވެސް އަސްލެއްނެތް ހަގީގަތާއި ހިލާފު ވާހަތަކެއްކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
ރާއްޖޭގެ 16 ނޫނީ 17 ރަށެއް ޗައިނާއަށް ވިއްކާލާފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވީނަމަވެސް، އެއީ ކޮންކަމަކަށް ދޫކުރި ރަށްތަކެއްތޯ ނޫސްވެރިން ސުވާލުކުރުމުން ދެއްވާނެ ޖަވާބެއް ނަޝީދަށް އެގިވަޑައިނުގެންނެވިކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
ޓޫރިޒަމްގެ އެއްވެސް ބޭނުންމަކަށް ނޫނީ ރާއްޖޭގެ އެއްވެސް ރަށެއް ކުށްޔަށް ބަޔަކަށް ދޫކުރާނީ ފިޝަރީޒް މިނިސްޓްރީން ކަމަށާއި، ޗައިނާގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ރަށެއް އެމިނިސްޓްރީން ދޫކޮށްފައިނުވާކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ކަންކަން ހާމަވާން އޮންނައިރުވެސް އެކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަފުޅުތައް ބައްޓަންކުރައްވާ ބޭފުޅެއްކަމަށާއި، ނަޝީދުގެ އެފަދަ ވާހަކަތަކަށް ދިވެހިން ސަމާލުވާންޖެހޭކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.