ޚަބަރު

މެދުއިރުމަތިން އަންނަ ފްލައިޓްތައް އިތުރަށް ޗެކްކުރަނީ


މެދު އިރުމަތީގެ ފަސް ޤައުމަކުން އެމެރިކާއަށް ދަތުރުކުރާ ކާގޯ ފްލައިޓްތައް ޗެކްކުރުން އިތުރަށް ވަރުގަދަކުރުމަށް އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން، ޓީއެސްއޭއިން ނިންމައިފިއެވެ.

މިގޮތުން ޤަތަރު، ޢުރުދުން، މިސްރު، ސަޢޫދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ މައި އެއަރޕޯޓުތަކުން އެމެރިކާއަށް އަންނަ ހުރިހާ ކާގޯ ފްލައިޓްތަކުގެ ސެކިއުރިޓީ ސްކްރީނިންގ އިތުރަށް ވަރުގަދަކުރާނެއެވެ.

އެމެރިކާއިން މިފިޔަވަޅު އަޅާފައި މިވަނީ ބޯޓުގެ ކާރގޯއާއެކު ބޮންފަދަ ތަކެތި ފޮރުވައިގެން، ނުރައްކާތެރި ހަމާލަތަކެއް ދީފާނެކަމަށް ދެކިގެންކަމަށް ޙަބަރުތައް ބުނެއެވެ. އަދި މިގޮތުން ޗެކްކުރުން ވަރުގަދަ ކުރި އެއަރލައިންތަކަކީ މިފަދަ ކަމެއް ހިނގާފާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ސަރަޙައްދުތަކުން އަންނަ ފްލައިޓްތައްކަމަށް އެމެރިކާގެ ޓީއެސްއޭއިން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/15167099186807.jpg|އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން، ޓީއެސްއޭގެ އޮފިޝަލަކު ސަޢޫދީ އަރަބިއްޔާގެ ކާގޯ ފްލައިޓެއް ކައިރީ ހަރަކާތްތެރިވަނީ

ސެކިއުރިޓީ ސްކްރީނިންގ ވަރުގަދަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، މި ފަސް ޤައުމުގެ އެއަރޕޯޓުތަކުން އެމެރިކާއަށް އަންނަ ފްލައިޓްތަކަށް މުދާ އެރުވުމުގެވެސް ކުރިން، އެމުދަލެއްގެ ތަފްސީލް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހެއެވެ. މީގެ ކުރިން ބައެއް އެއަރލައިންތަކުން އަމިއްލައަށް އެދިގެން މިގޮތަށް ކަންތައްކުރިޔަސް، މެދުއިރުމަތީގެ ފަސް ޤައުމަށް މިއީ މަޖުބޫރުކަމެއްކަމަށް އެމެރިކާއިން ބުނެއެވެ.

މެދުއިރުމަތިން އަންނަ ފްލައިޓްތައް ޗެކްކުރުން އެމެރިކާއިން އިތުރުކޮށްފައިވާއިރު، މިދިޔަ އޮކްޓޫބަރުމަހު އެމެރިކާއިން ވަނީ އެޤައުމަށް އަންނަ ހުރިހާ އިންޓަނޭޝަނަލް ފަސިންޖަރުންގެ ސެކިއުރިޓީ ސްކީރިންގވެސް އިތުރަށް ވަރުގަދަކޮށްފައެވެ.

އެމެރިކާގެ އެކި ސަރަޙައްދުތަކަށް ދުނިޔޭގެ 105 ޤައުމެއްގެ 280 އަށްވުރެ ގިނަ އެއަރޕޯޓުން ނައްޓާލާ 2000 އަށްވުރެ ގިނަ ފްލައިޓް ކޮންމެ ދުވަހަކުވެސް ޖައްސައެވެ.